ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ކާނާއަކީ ހަތިޔާރަކަށް ހަދައި, ހައިހޫނު ކަމުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ޝަހީދު ކުރަމުންދާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ހާމަ ކުރައްވައިފިއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ, ޑަބްލިޔުއެޗްއޯގެ ޓީމުތަކުން ޣައްޒާގެ ދެ ހަސްފަތާލަކަށް ދާދި ފަހުން ކުރި ޒަޔާރަތަކަށް ފަހު ތައްޔާރު ކޮށްފައިވާ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޑަބްލިޔުއެޗްއޯގެ ޓީމުތަކުން ޒިޔާރަތް ކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ އަލް-ޢަވްދާ އަދި ކަމާލް ޢަދްވާން ހަސްފަތާލަށެވެ. މިއީ, 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަހު އެ ހަސްފަތާލުތަކަށް ޒިޔާރަތް ކުރުމަށް ޑަބްލިޔުއެޗްއޯއަށް ލިބުނު ފުރަތަމަ ފުރުޞަތެވެ.
އެ ހަސްފަތާލުތަކުން ފެނުނީ ވަރަށް "ހިތާމަވެރި" މަންޒަރެއް ކަމަށް ސިފަކުރައްވައި ޓެޑްރޯސް ވިދާޅުވީ "އަލް-ޢަވްދާ ހަސްފަތާލުގެ ހާލަތު ވަރަށް ދެރަ. އެ ތަނުގެ އެއް ޢިމާރާތް އޮތީ [ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި] ސުންނާފަތި ކޮށްލާފައި،" ކަމުގައެވެ. ކަމާލް ޢަދްވާން ހަސްފަތާލަކީ ޣައްޒާގެ އުތުރުގެ ސަރަޙައްދުގައި ހުންނަ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ޚާއްޞަ ކޮށްފައިވާ ހަމައެކަނި ހަސްފަތާލެވެ.
"ކާބޯތަކެތި ނުލިބިގެން [ކަމާލް ޢަދްވާން ހަސްފަތާލުގައި] 10 ކުޑަކުދިން ވަނީ މަރުވެފައި [ޝަހީދުވެފައި]،" ޓެޑްރޯސް ވިދާޅުވިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ކާބޯތަކެތި ނުލިބި, ހައިހޫނު ކަމުގައި ޝަހީދުވެފައިވާ ކުޑަކުދިންގެ ޢަދަދު 16 އަށް އަރާ ކަމުގައެވެ. އެއީ, ޣައްޒާގެ އުތުރުގެ ރަށްތަކުގައި ހައިހޫނު ކަމުގައި ޝަހީދުވެފައިވާ ކުޑަކުދިންގެ ޢަދަދެވެ.
އދއިން ވެސް ވަނީ, ޣައްޒާގެ ރައްޔިތުންނަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތް ކަމަށާއި, އެ މީހުން ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ ކަމުގައެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބޭނެ ހުރިހާ ދޮރެއް ޔަހޫދީ ފައުޖުން ވަނީ ބަންދު ކޮށްފައެވެ. އަދި, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަނީ މަދު ޢަދަދަކަށެވެ. އޭގެ ތެރެއިން, ޣައްޒާގެ އުތުރުގައިވާ ރަށްތަކަށް ގެންދެވެނީ މަދު ޢަދަދެކެވެ.
"ޣައްޒާގައި ހިންގަމުންދާ މަދު ހަސްފަތާލުތަކަށް މި ވަގުތު އޮތީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ތެޔޮ ނުލިބުމުގެ މައްސަލަ. އެއާ އެކު, ބަލި މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް އޮތީ ހުރަސް އެޅިފައި. ޚާއްޞަކޮށް, އައިސީޔޫގައި ފަރުވާ ދެމުންދާ ބަލި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ދަނީ ގޮންޖެހުންތައް ކުރިމަތިވަމުން،" ޓެޑްރޯސް ވިދާޅުވިއެވެ.
ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އޭނާ ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ. "ޣައްޒާގެ ޢާންމުން, ޚާއްޞަކޮށް ކުޑަކުދިން, އަދި ޞިއްޙީ ޚިދުމަތްތެރިންނަށް ވަގުތުން އެހީތެރިކަން ބޭނުންވޭ. ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އޮތް އެންމެ މުހިންމު ފަރުވާއަކީ ސުލްޙަ. އަދި, ޢުދުވާންތައް ވަގުތުން މެދުކަނޑައިލުން،" ޓެޑްރޯސް ވިދާޅުވިއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,534އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާއިން ބުނެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 71,920އަށް އުފުލިފައެވެ.