ޚަބަރު

މިއަހަރު އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފަށަނީ


  • އިދާރީ ގިނަ މަސައްކަތްތައް ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ ވެހިކަލްތަކާއި، މެޝިނަރީ ހޯދުމުގެ މަސައްކަތް

މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވެމްކޯގެ ޖެނެރަލް މެނޭޖަރ އިސްމާޢީލު އުބައިދު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެމްކޯއާވެސް މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިވާކަމަށެވެ.

އެގޮތުން ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 26 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް ހަވާލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ފެށުމަށް ހަވާލުކޮށްފައިވާ 26 ރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރެވި، އިދާރީ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ޢަމަލީގޮތުން މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ވެހިކަލްތަކާއި، މެޝިނަރީތައް ހޯދުމުގެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސައްކަތްކުރައްވަނީ މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށްކަމަށެވެ.

"ކުނި ކޮށި ތަރައްޤީކުރުމުގެ އިތުރުން ރަށްރަށަށް ވެމްކޯގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތް 26 ރަށެއްގައި އަޅުގަނޑުމެންނަށް މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ރޭވިފަމިވަނީ. އެގޮތުން ހުރިހާ ރަށެއްގެވެސް ކައުންސިލްތަކާއި މަޝްވަރާކުރެވި، އިދާރީ ގިނަ މަސައްކަތްތައް ނިމި ރަށްރަށުގައި މަސައްކަތް ފެށުމަށްޓަކައި ބޭނުންވާނެ މެޝިނަރީއާއި ވެހިކަލްތައް ހޯދުމުގެ މަރުޙަލާގައި މިހާރު މިއުޅެނީ. މިއަހަރު އަޅުގަނޑޑުމެންނަށް ފެށޭނެ 15 ރަށެއްގައި މި ޚިދުމަތް." އިސްމާޢީލް އުބައިދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ހުރިހާ ސިޓީތަކުގައި ވެމްކޯގެ ޚިދުމަތް ފަށައި، އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.