ޚަބަރު

ޗައިނާ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރ ރާއްޖެ ވަޑައިގެންފި


ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާރމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރ ވައިސް އެޑްމިރަލް ޓިއާން ޒޮންގ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޕީޕަލްސް ލިބަރޭޝަން އާރމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރ ވައިސް އެޑްމިރަލް ޓިއާން ޒޮންގ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން މަރުހަބާ ދެންނެވީ އޭވިއޭޝަން ސެކިއުރިޓީގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ.

އެމަނިކުފާނުގެ މި ޒިޔާރަތަކީ ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ބޭނުމުގައި ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި އެމަނިކުފާނާއި އެކު ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއްވަނީ ރާއްޖެ ވަޑައިގެންފައެވެ. 

ވައިސް އެޑްމިރަލް ޓިއާން ޒޮންގ ގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެމްއެންޑީއެފްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.