ޚަބަރު

ކުޅުދުއްފުށީގެ 18 ރޯހައުސްގެ ގުރުއަތުލުން ބާއްވަނީ


ގެދޮރިވެރި ކުރުވުމުގެ މަޝްރޫޢުގެ ދަށުން ހދ.ކުޅުދުއްފުށީގައި ޢިމާރާތްކުރައްވަމުންދާ 160 ރޯހައުސްގެ ތެރެއިން މިހާރު ނިމިފައިވާ 18 ރޯހައުސްގެ ގުރުއަތުނެގުން އަންނަމަހު ބާއްވާގޮތަށް ކުޅުއްދުއްފުށީ ކައުންސިލްގެ އިދާރާއިން ނިންމަވައިފިއެވެ.

މި 18 ރޯހައުސްގެ ތެރެއިން އެގާރަ ރޯހައުސް ޚާއްސަ ކުރެވިފައިވަނީ ކުޅުދުއްފުށި ރައްޔިތުންނަށެވެ. އަދި މި ރޯހައުސްތަކުގެ ތެރެއިން 7 ރޯހައުސް ޚާއްސަކުރެވިފައިވަނީ ރަށުން ބޭރު މީހުންނަށް ކަމަށް ކައުންސިލް އިދާރާއިން ހާމަކުރައްވައެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރެވޭ 160 ރޯހައުސްގެ ތެރެއިން 22 ރޯހައުސް ލިބޭ ފަރާތްތައް ހޮވުމަށް ކުރިން ބޭއްވި ގުރުއަތުލުން ބާތިލުކޮށް އަލުން ގުރުއަތުލައިގެން އެ ރޯހައުސްތަށް ލިބޭ ފަރާތްތައް ހޮއްވެވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ކުޅުދުއްފުށީ ކައުންސިލަށް އަންގަވާފައިވެއެވެ. އެކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރޯހައުސް ލިބޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބޭ ތަރުތީބުންކަމަށާއި، ޕޮއިންޓް އެއްވަރުވެއްޖެނަމަ، ގުރުއަތު ލައިގެން ކަމަށް ރޯހައުސްއަށް އެދި ހުށައަޅާ ފޯމްގައި ބަޔާންކޮށްފައިވާކަމަށެވެ.

ކައުންސިލް އިދާރާއިން ވިދާޅުވީ މި ފަހަރުގެ ގުރުއަތުލުން މި ބާއްވަނީ އޭ.ސީ.ސީން އަންގަވާާފައިވާ ގޮތުންގެ މަތިންކަމަށެވެ. މި ފަހަރު މި ގުރުއަތުލާ 18 ރޯހައުސްއަކީ އެއްކޮަށް މަސައްކަތް ނިމިފައިވާ ރޯހައުސްތަކެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ.