ޚަބަރު

ދުވާފަރުގައި ކުރިއަށް ގެންދިޔަ އައި.ޓީ ކޯސް ނިމިއްޖެ


އެމްއެންޑީއެފް ނޮދަން އޭރިއާ އާއި ރ.ދުވާފަރު ކައުންސިލް އިދާރާ ގުޅިވަޑައިގެން ދުވާފަރުގައި ހިންގެވި ސަތޭކައަށްވުރެ ގިނަ ބައިވެރިން ތަމްރީންކުރެއްވި އިންފޮމޭޝަން ޓެކްނޮލޮޖީ ޕްރޮގުރާމް ނިމިއްޖެއެވެ. 

މިޕްރޮގްރާމް ނިންމުގެ ގޮތުން ރޭ ދުވާފަރުގައި ހުންނަ ރ.އަތޮޅު މަދަރުސާ ހޯލްގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

މިޕްރޮގްރާމް ފެއްޓެވީ މިއަހަރުގެ މާރޗް ހަތްވަނަ ދުވަހުން ފެށިގެން މި މެއިމަހުގެ ހަވަނަދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި ސަތޭކަ ތިރީސް ނުވަ ޒުވާނުން ބައިވެރިކުރެއްވިއެވެ. ދުވާފަރު ސްކޫލުގެ 83 ދަރިވަރުންނާއި ދުވާފަރުގެ ސައްބީސް ޒުވާނުންނާއި ދުވާފަރުގައި ހުންނަ ސަރުކާރު މުއައްސަސާތަކުން 30 މުވައްޒަފުންނާއެކު 139 މީހުން ތަމްރީންކުރެއްވިއެވެ. މިޕްރޮގްރާމްގައި ދަސްކޮށްދެއްވި ބައިތަކުގެ ތެރޭގައި ގްރެފިކްސް ޑިޒައިނިންގ، ވެބް ޑިޒައިނިންގ އަދި ޓޫޑީ އެނިމޭޝަންއާބެހޭ ބައިތަކާއި ފޮޓޯގްރަފީގެ ހުނަރުތައް ހިމެނެއެވެ.

މިތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމުން ވަނަވަނައަށް ހޮވުނު ބައިވެރިންނާ ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. އަދި ޕްރޮގުރާމް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީލިޔުން ޙަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދާއި ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ ހުސައިން ޢަލީއާއި ރ.އަތޮޅު އެޓޯލް ޕޮލިސް އިންޗާޖް ސަބް އިނިސްޕެކްޓަރ ޢަބްދުﷲ ޝަރީފާއި ރ.އަތޮޅު ކައުންސިލް ރައީސް އަންވަރު އިބްރާހީމް އަދި ދުވާފަރު ރަށު ކައުންސިލްގެ ރައީސް އިބްރާހީމް ޝުކޫރެވެ.

މި ޕްރޮގުރާމުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ވެބްސައިޓާއި ދުވާފަރުގެ ޕްރޮމޯޝަނަލް ވީޑިއޯއާއި ހޭލުންތެރިކުރުވުމުގެ ވީޑިއޯއާއި ޓޫޑީ ކާޓޫނު ޑިފެންސް މިނިސްޓަރ ވަނީ މިރަސްމިއްޔާތުގައި ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.