ޚަބަރު

ރިޟްވާންގެ މައްސަލައިގެ މަޢުލޫމާތު ބޭރުގެ ފަރާތްތަކާ ހިއްސާކުރަނީ


ގެއްލިގެން ހޯދަމުން އަންނަ އަޙްމަދު ރިޟްވާންގެ މައްސަލައިގެ މަޢުލޫމާތު ބޭރުގެ ފަރާތްތަކަށް ހާމަކުރައްވަމުން އެބަގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. 

ސަރުކާރުން އިސްނަންގަވައިގެން ކުރައްވާ މިމަސައްކަތުގެ ދަށުން ސަރުކާރުގެ އިސްބޭފުޅުންގެ ވަފްދެއް މާދަމާ ޖެނީވާގައި ރިޟްވާނާ ގުޅޭގޮތުން މަޢްލޫމާތު ދެއްވުމަށް ހަމަޖެހިފައިވެއެވެ. މިވަފްދުގައި ޚާރިޖީ ވުޒާރާއާއި ފުލުހުންގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިހާތަނަށް ރިޟްވާން ހޯއްދެވުމަށް ކުރައްވާފައިވާ ހުރިހާ މަސައްކަތްތަކެއް ބޭރުގެ ފަރާތްތަކާ ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ.

ރިޟްވާނާ ގުޅޭގޮތުން ފުލުހުން އެންމެ ފަހުން ހާމަކުރައްވާފައިވާ މަޢްލޫމާތުގައިވާ ގޮތުން އޭނާ ގެއްލުމަކީ ބަޔަކު ދުރާލާ ރާވާއިގެން ހިންގި ޢަމަލެއްކަން ތަޙްޤީޤަށް ވަނީ އެނގިފައެވެ. އަދި ރިޟްވާންއަށް ދެމީހަކު ފާރަލާ އޭނާގެ ހުރިހާ ޙަރަކާތްތަކެއް ބަލަމުން މާލޭގެ މަގުތަކުގައި ދުއްވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ރިލްވާނަށް ފާރަލީ ކުޑަ ހެންވޭރަށް ނިސްބަތްވާ ބައެއްކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ސ. ހުޅުދޫ އަތިރިއާގޭ މުޙައްމަދު ސުއައިދު ކިޔާ މީހެއްކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިޟްވާން ގެންދިޔަކަމަށް ބުނާ ކާރުގެ ތެރެއިން ފެނުނު އިސްތަށީގެ ޑިއެންއޭއާއި ރިޟްވާންގެ މަންމަގެ ޑީއެންއާއި ދިމާވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.