ގެއްލިގެން ހޯދަމުންދާ އަޙްމަދު ރިޟްވާންގެ މައްސަލައިގައި އދ. ގެ 'ވަރކިން ގްރޫޕް އޮން އެންފޯރސްޑް އޯ އިންވޮލަންޓަރީ ޑިސަޕިއަރަންސް' އަށް ދިވެހި ސަރުކާރުން މަޢުލޫމާތުދެއްވައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ރިޟްވާންގެ މައްސަލައިގައި ވާރކިންގ ގްރޫޕަށް މަޢުލޫމާތު ހުށަހެޅުމަށް ސަރުކާރަށް ދީފައިވާ ދަޢުވަތު ޤަބޫލުކޮށް، ދިވެހި ސަރުކާރުގެ ފަރާތުން އޮޅުންފިލުވުމަށް އެދިފައިވާ މަޢުލޫމާތު މިމަހުގެ ފަސްވަނަދުވަހު އެގްރޫޕާއެކު ޙިއްސާކޮށްފައިވާކަމަށެވެ.
ފޮރިން މިނިސްޓްރީން މިކަމާއި ގުޅިގެން ނެރުއްވި ބަޔާނުގައި އަޙްމަދު ރިޟްވާން ގެއްލިފައިވާ މައްސަލައަކީ، ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ބަލަމުންގެންދާ މައްސަލައެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި މިމައްސަލަ ތަޙުޤީޤުކުރުމުގައި މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓް ކުރެވުން ލަސްވުންކަމަށް މިބަޔާނުގައިވެއެވެ. އަދި އަޙްމަދު ރިޟްވާން ގެއްލުމާގުޅޭގޮތުން ފުލުހުން މިހާތަނަށް ހިންގާފައިވާ ތަޙުޤީޤަށް، އޭނާ ގެއްލުވާލާފައިވާ ކަމާއި، އަޙްމަދު ރިޟްވާން ގެއްލުވާލުމުގައި މާލޭގައި ޙަރަކާތްތެރިވާ ގޭންގަކަށް ނިސްބަތްވާ ބައެއް ޝާމިލުވެފައިވާކަމުގެ މަޢުލޫމާތު ސަރުކާރުން ވަނީ ހިއްސާކުރައްވާފައެވެ. ނަމަވެސް އަޙްމަދު ރިޟްވާން ގެއްލުވާލުމުގައި ޝާމިލުވެފައިވާ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން ސަރުކާރުން ވާރކިންގ ގްރޫޕަށް އަރުވާފައިވާކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން އދ. ގެ 'ވަރކިންގ ގްރޫޕް އޮން އެންފޯރސްޑް އޯ އިންވޮލުންޓަރީ ޑިސަޕިއަރަންސް" ގެ މެންޑޭޓަކީ ދައުލަތުގެ ނުފޫޒު ނުވަތަ ބާރު ބޭނުންކޮށްގެން ގެއްލުވާލާފައިވާ މީހުންގެ ޢާއިލާތަކަށް އެމީހުން ގެއްލިފައިވާގޮތް ހޯދައިދިނުން ކަމަށްވާއިރު، މި މައްސަލައަކީ، އެގްރޫޕުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭނެ މައްސަލައެއް ކަމާމެދު ސަރުކާރުން ސުވާލު އުފައްދައި، އެކަން ވާރކިންގ ގްރޫޕްއަށް ޙިއްސާކުރެވިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އަދި މިފަދަ މައްސަލަތަކުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ޚާއްޞަކޮށް އދ. ގެ އެކިއެކި މުއައްސަސާތަކުން، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަނެ، އެފަރާތްތަކާއެކު ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.