ޚަބަރު

ޕާކިން ޒޯން ތަރައްޤީކުރަން މާފަންނު ސަހަރާ ހުސްކުރަން ފަށައިފި


  • މާފަންނު ސަހަރާގައި މީހުން ވަޅުނުލާތާ ގިނަދުވަސްތަކެއް ވަނީ ވެފައި

  • 60 ދުވަހުގެ ތެރޭގައި ސަރަހާ ހުސްކުރުމުގެ މަސައްކަތް ނިމޭނެ

ޕާކިން ޒޯން ތަރައްޤީކުރަން މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް މިހަފްތާގައި ފަށާފައިވާއިރު އެ މަސައްކަތް ކުރަމުންދަނީ މާލޭ ސިޓީ ކައުންސިލުން ލޭންޑް ސްކޭޕިން ސޮލިއުޝަނާއި ޙަވާލުކޮށްގެންނެވެ.

މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިހާރު އެތަނުގެ އެތެރެ ނުފެންނާނެހެން ޓިނުޖަހާ ވަނީ ބަންދުކޮށްފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ، ސަހަރާ ހުސްކުރުމުގެ މަސައްކަތް ގާތްގަނޑަކަށް 60 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި އެތަނުންނަގާ ގަބުރުތަކުގެ ކަށިތައް ނައްތާލުމަށް ހަމަޖެހިފައިވަނީ ކަނޑައެލީފައިވާ އުޞޫލުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންކަމަށެވެ.

މާފަންނު ސަހަރާގައި 36،153 އަކަފޫޓު ހުންނައިރު އެތަން އެއްކޮށް ހުސްކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ ކުރިން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައިވަނީ ޕާކިން ޒޯން ތަރައްޤީކުރުމަށް އެންމެ ފުރަތަމަ ހުސްކުރާނީ މާފަންނު ސަހަރާ ކަމަށެވެ. އަދި އަމާޒަކީ ކައުންސިލުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދީ ޕާކިންގ ޢިމާރާތްތަކުގެ މަސައްކަތް އަވަސްކުރުންކަމަށްވެސް ޢާޒިމް ވިދާޅުވެފައިވެއެވެ.

މާލެ ތޮއްޖެހި މާލޭގައި ހިތްފަސޭހަ ކޮށްލަން ޕާކެއް ނެތުމާއި ޕާކު ކުރާނެ އެކަށޭނަ ޖާގަ ނެތުމަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލަ ދިމާވެފައިވަނީ މާލެއަކީ ކުރިން ރޭވި ތަރައްޤީކޮށްފައިވާ ސިޓީއެއްކަމަށް ނުވާތީ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން މާލޭގައި ޕާކު އެޅުމާއި ޕާކިން ޒޯންތައް އެޅެން އޮތީ މިހާރު މާލޭގައި ހުރި ބިންތައް ހުސްކޮށްގެންނެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ޤަބުރުސްތާނެއް ހުސްކުރުމަށްފަހު ތަނެއް އެޅިދާނެއެވެ. އެގޮތުން މާލެއަށް ބަލައިފިނަމަ މާލޭގައި ޖާގަ ނެތުމާއި ދުއްވާ ވެހިކަލްތަކުގެ އަދަދު ގިނަ ވުމުގެ ސަބަބުން ޤަބުރުސްތާނެއް ހުސްކުރުމަށްފަހު ޕާކިން ޒޯނެއް އެޅިދާނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

މާފަންނު ސަހަރާއަކީ މީހުން ވަޅުނުލާތާ ގިނަ ދުވަސްވެފައިވާ ސަހަރާއެއް ކަމަށްވާއިރު އެ ސަހަރާގެ ހުޅަނގު ފަރާތަށް ވާ ގޮތަށް މިހާރުވެސް ޕާކިން ޒޯނެއް ހަދާފައި އޮވެއެވެ.