ޚަބަރު

އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި


  • ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭނެ

އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ. މި ތަން ޤާއިމްކުރަނީ ސެޓެލްކޯ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުމުގައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެކުންފުނީން މާލޭގައި ގާއިމްކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ޗާޖިން ސްޓޭޝަންގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށާއި، އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަމަށެވެ.


މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކުރާ މަސައްކަތެއްކަމަށެވެ.

މި މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ދާކަމަށާއި ދާދި އަވަހަށް މި ސްޓޭޝަންގެ މަސައްކަތް ނިމި އެ ތަނުން ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.

މި ތަން ތަރައްޤީކުރަނީ ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށެވެ.