ޚަބަރު

ހުޅުމާލޭގައި ވަޤުފް އިމާރާތް އަޅާނެ ބަޔަކު އަނެއްކާވެސް ހޯދަނީ


  • މިއީ 12 ފަންގިފިލާގެ ވަޤުފު އިމާރާތެއް

  • ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ޕްރޮޕޯސަލް ހުށައެޅޭނެ

ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފް ޢިމާރާތް، ދާރުއްސަލާމް ހުޅުމާލޭގައި ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އަނެއްކާވެސް އިޢުލާންކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލޭގައި ވަޤުފު އިމާރާތެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީ ކުރިން ހުޅުވާލި ފުރުޞަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވުމުންކަމަށެވެ. ހުޅުމާލޭގައި ވަގުފް އިމާރާތެއް އެޅުމަށް ފުރަތަމަ އިއުލާންކުރީ އޮގަސްޓް މަހުގެ 15ވަނަ ދުވަހުއެވެ.

ވަގުފްތައް އިތުރުކުރުމުގެ މަގުސަދުގައި ހުޅުމާލެ ފޭސް އެކެއްގައި "ދާރުއް ސަލާމް"ގެ ނަމުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 12 ފަންގިފިލާގެ އޮފީސް އިމާރާތެކެވެ. މިއިމާރާތުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން ކުރި އިއުލާނުގައި އެކަމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިމާރަތް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އޮންލައިން ފޯމު ހުށަހަޅަން ޖެހެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުން އޮންނަނީ މި މަހުގެ 30ވަނަ ދުވަހުގެ 11:00 ގައެވެ.

މިހާރު ރާއްޖޭގައި ހިންގަމުންދާ ހަމައެކަނި ވަޤްފު އިމާރާތަކީ މާލޭގައި ހުންނަ ދާރުލްއިމާނެވެ. އެތަނުން އަހަރަކު 6 މިލިޔަން ރުފިޔާ ވަޤްފް ފަންޑަށް ލިބެއެވެ. މީގެ އިތުރުން އަތޮޅުތަކުގައި އަޅާ ފުރަތަމަ ވަޤްފު އިމާރާތް އައްޑޫ ސިޓީގައި އަޅަން ނިންމާ، އެކަމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.