ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ 4000 ޔުނިޓް ލިބޭ މީހުންގެ ލިސްޓް މިމަސް ނިމުގެ ކުރިން ނެރެނީ


  • 20000އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅި

  • 7000އަށްވުރެ ގިނަ މީހުން ޝަކުވާ ހުށައެޅި

ގެދޮރުވެރިޔާ ސްކީމްގެދަށުން ދޫކުރަން ނިންމި 4000 ހައުސިން ޔުނިޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް މިމަސް ނިމުމުގެ ކުރިން ނެރޭނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

2022ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިޢުލާނުކުރި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެން ކުޑަތަންވެފައިވަނިކޮށެވެ.

އެސްކީމަށް 20607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާނުކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

މިނިންމުމާއި ގުޅިގެން ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލުމުން 7500އަށްވުރެ ގިނަ މީހުން ކަންބޮޑުވުން ފާޅކޮށް ޝަކުވާ ހުށައެޅިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް 300އަށްވުރެ ގިނަ މައްސަލަ ހުށައެޅިއެވެ.

އާއްމުންގެ ޝަކުވާތައް ބޮޑުވެ ފްލެޓް ލިސްޓުގެ މައްސަލައިގެތެރެއަށް އޭސީސީން ވަދެ އެ މަސައްކަތް މެދުކަނޑާލަން އެންގީ ނިމުނު ސަރުކާރު ނިމެން އެންމެ ދުވަހަކަށްވެފައިވަނިކޮށެވެ. އެއީ އޭސީސީން ތަކުރާރުކޮށް އެންގުމުންވެސް މައްސަލަތައް ބެލުމަށް އޭރުގެ ހައުސިން މިނިސްޓްރީން އެކަށީގެން ފިޔަވަޅު އަޅާފައިނުވާތީކަމަށްބުނެއެވެ.

އަދި އޭސީސީން މި ލިސްޓާ ގުޅޭ ތަޙުޤީޤު ހިންގާ ހާމަކުރިގޮތުގައި، 4000ފްލެޓްގެ ލިސްޓަށް ހޮވި %59.6 މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ %20.7 ފޯމުގައެވެ. ފްލެޓްގެ ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން ނެރުމަށް އޭސީސީން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެންގީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.

ކުރީ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ "ބިންވެރިޔާ" އަދި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށްގެންދިޔުމަށް ހައުސިންގ ކޮމިޓީ އެކުލަވާލާފައިވަނީ 26 ފެބްރުއަރީ 2024ގައެވެ. 4000 ފްލެޓް ލިސްޓުގެ މައްސަލައިގައި ކޮމިޓީގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިންމާފައެވެ. އަދި ކޮމެޓީގެ ނިންމުންތައްވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އަލީ ޙައިދަރު އަޙުމާދަށާއި އެވުޒާރާއަށް ހުށައަޅާފައެވެ.

ލިސްޓް އިޢުލާނުކުރުމާއި ގުޅޭގޮތުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ލިސްޓް އާއްމުކުރާނެކަމަށެވެ. ނަމަވެސް ލިސްޓަށް އައިސްފައިވާ ބަދަލާ ގުޅޭ ތަފްސީލް ހިއްސާކޮށްފައެއް ނުވެއެވެ. އެވުޒާރާއިން ވިދާޅުވީ މަސައްކަތަށް ދިގު މުއްދަތެއް ހޭދަވީ، މާކްސް ދީފައިވާގޮތް ރަނގަޅަށް ބަލާ ފްލެޓް ލިބެނީ އެންމެ ޙައްގުވެރި ފަރާތްތަކަށްކަން ކަށަވަރުކުރުމަށްކަމަށެވެ.

ފްލެޓް ސްކީމަކީ މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިގުމުއްދަތަށް ދިރިއުޅެފައިވާ މީހުންނަށްވެސް ކުރިމަތިލެވޭގޮތަށް ހުޅުވާލި ސްކީމެކެވެ. އޭސީސީގެ ތަޙުޤީގުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޕޮއިންޓް ދިނުމުގައި ލިބެންވާވަރަށް އިތުރަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި މައުލޫމާތު ފުށުއަރާ ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ. އެގޮތުން، ބައެއް ފަރާތްތަކުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުވާ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނުވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ލިބޭ މީހުންނަކީ އެކަމަށް ޝަރުތު ހަމަވާ އަދި އެންމެ ބޭނުންޖެހިފައިވާ މީހުންކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.