ޚަބަރު

ބްރިޖުގެ ތަނބުތައް ޖެހުމަށް ގުޅިފަޅު-ތިލަފުށި ޗެނަލް ބަންދުކުރަނީ


  • ތަނބުތައް ޖެހުމުގެ މަސައްކަތް ބުރާސްފަތިދުވަހު ފެށުމަށް ވަނީ ނިންމާފައި

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ތެރެއިން ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ އެ ސަރަހައްދުން ދަތުރު ނުކުރުމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން އަންގަވައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ މާލެ- ތިލަފުށި ލިންކް މަޝްރޫގެ ދަށުން ގުޅިފަޅާއި ތިލަފުއްޓާ ދެމެދު އޮންނަ ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައި ވާކަމަށެވެ. އެ މަސައްކަތަށް ގުޅިފަޅު-ތިލަފުށި ޗެނަލް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުވާނެކަމަށާއި، އެހެންކަމުން ކަނޑު އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރު ނުކުރުމަށް އެ ވުޒާރާއިން ވަނީ އަންގަވާފައެވެ. މީގެ އިތުރުން މާލެ ވިލިމާލެ އަދި ވިލިމާލެ ގުޅިފަޅު ތިލަމާލޭގެ ޗެނަލްވެސް ބަންދުކޮށްފައި ވާތީ އެ ސަރަހައްދުންވެސް ދަތުރު ނުކުރުމަށް އެ ވުޒާރާއިން އިލްތިމާސްކުރައްވައެވެ.

ނިމުނު އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، މިވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ބްރިިޖުގެ 46.58 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެއެވެ.