ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދިން ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ 51 ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދެމުން ދަނީ ދެ މަހަށްވުރެ ގިނަ ދުވަހަށްފަހު ޣައްޒާއަށް މަދު މިންވަރަކަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ޙުއްދަ ދީފައިވަނިކޮށެވެ.
ޣައްޒާގެ ޞިއްޙީ މަސްދަރުތަކުން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާ ސިޓީއާއި ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ޝަހީދު ކޮށްލި 25 މީހުން ހިމެނޭ ކަމަށެވެ. ޣައްޒާގެ މެދުތެރޭ އަވަށެއް ކަމަށްވާ ދީރުލް ބަލާޙުގެ އަލް-ބަރަކާ ސަރަޙައްދުން ދިހަ މީހުން ޝަހީދު ކޮށްލާފާއިވާއިރު އޭގެ ތެރެއިން ނުވަ މީހުންނަކީ އެއް ޢާއިލާއަކަށް ނިޞްބަތްވާ މީހުންނެވެ. އޭގެ އިތުރުން އަސް-ޞަފްތާވީ ސަރަޙައްދުގައި ހުރި ގެއަކަށް އަމާޒު ކޮށް ދިން ޙަމަލާއެއްގައި ވެސް ފަސް މީހުން ޝަހީދުވެފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ބައިތު ލާހިޔާގައި ހުންނަ އަލް-ޢަވްދާ ހަސްފަތާލުގެ ބޭސް ގުދަނެއްގައި ވެސް ރޯވެފައިވާ ކަމަށެވެ. އެ ހުޅުގަނޑު ނިއްވާލުމަށް މަސައްކަތް ކުރާތާ އެތައް އިރެއް ވެފައިވާ ކަމަށާއި ހަސްފަތާލުގެ ބޭރުގައި ޔަހޫދޫ ޓޭންކަރުތައް އަތުރާފައި ހުރުމުން އެ ސަރަޙައްދަށް ކައިރިވާން ދަތިވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން މިހާރު ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައެވެ.
ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތު ދިނުމަށް ޔަހޫދީން ނިންމީ ބަޔަކު ގަސްތުގައި ބަނޑަށް ޖައްސާތީ މުޅި ދުނިޔެއިން އެ ކަން ކުށްވެރި ކުރާތީ، ޔަހޫދީންނާ ގުޅުން ހުރި ޤައުމުތަކަށް އޮތް ތާއީދު ކުޑަވަމުން ދިޔުމުގެ ސަބަބުންނެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހޭތީ ތާއީދު ގެއްެލެމުންދާ ކަމުގެ ކަންބޮޑުވުންތައް ޙިއްޞާ ކޮށްފައިވާ ކަމަށް ބުނެފައެވެ.
އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިން ނަމަވެސް، މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް މިހާތަނަށް އެތެރެ ކޮށްފައި ވަނީ 90 ލޮރީގެ ސާމާނެވެ. އދގެ އޯސީއެޗުއޭއިން ބުނީ އެ ސާމާނާ އެހީ ބަހާ ޖަމާޢަތްތަކުން ޙަވާލުވެފައިވާ ކަމަށެވެ. އެ ލޮރީތަކުގައި ގެނައީ ގޮދަންފުށާއި، ތުއްތުކުދިންގެ ކާނާއާއި ބޭސްފަރުވާގެ ބައެއް ސާމާނެވެ. ނަމަވެސް ރައްކާތެރިކަން ނެތުމާއި ލޫޓުވުމުގެ ނުރައްކާ އޮތުމުންނާއި ޔަހޫދީންގެ ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރުމުގައި ހުރި އުނދަގޫތަކުގެ ސަބަބުން އެހީ ބެހުމަށް އެހީދޭ ޖަމާޢަތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އޯސީއެޗުއޭގެ ތަރުޖަމާނު، ޖެންސް ލާކް ވިދާޅުވިއެވެ.
ސަލާމަތީ ސަބަބުތަކާހުރެ ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް މިހާތަނަށް އެހީގެ އެއްވެސް ސާމާނެއް ގެންދެވިފައެއް ނުވެއެވެ. އެ ސަރަޙައްދުގައި ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ބަންދުވެފައި އެބަ ތިއްބެވެ. ޣައްޒާއަށް ވެއްދުނު އެންމެ 90 ލޮރީގައި ހުރި ސާމާނުން ބޭނުންވާ މިންވަރާ ގާތަށް ވެސް ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްނުދެވޭއިރު، އދން ދަނީ އެ ޢަދަދު 500 ލޮރީއަށް އިތުރު ކޮށްދިނުމަށް ގޮވައިލަމުންނެވެ. އދން ބުނީ ޣައްޒާގައި ދިރިއުޅޭ ބައި މިލިޔަން މީހުން ނުވަތަ ކޮންމެ ފަސް މީހަކުން އެކަކު ބަނޑަށްޖެހުމާ ގާތްވެފައިވާ ކަމަށެވެ. ޣައްޒާގެ މުޅި އާބާދީ ވަނީ ހައިހޫނުގައި ޖެހިފައެވެ.