ޚަބަރު

ހުރިހާ އިސްލާމީ މަރުކަޒެއްގައި މިއަހަރު ލައިބްރަރީތައް ޤާއިމުކޮށް ނިމޭނެ: ވަޒީރު ޑރ. ޝަހީމް


  • އިސްލާމީ ޙަޟާރަތް ކުރިއަރާ ދިއުމުގައި ލައިބުރަރީތައް މުހިންމު ދައުރެއް އަދާކުކުރި

  • 3 ރަށެއްގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ހެދުމުގެ މަސައްކަތް ކުރިއަށްދޭ

މިއަހަރު ނިމުމުގެ ކުރިން ހުރިހާ އިސްލާމީ މަރުކަޒުތަކެއްގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ލައިބުރަރީ ނުވަތަ ކުތުބުޚާނާތަކަކީ އިސްލާމީ ޙަޟާރަތް ކުރިއަރާ ދިއުމުގައި މުހިންމު ދައުރެއްއަދާކުރި ތަންތަންކަމަށާއި ރާއްޖޭގައިވެސް އިސްލާމީ ކުތުބުޚާނާތައް ޤާއިމުކުރުމަށް އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެ ގޮތުން ރާއްޖޭގައި މިވަގުތު ހުރި އަދި މިއަހަރު މަސައްކަތް ނިމޭ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމުކޮށް ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ވަނީ ހުށައެޅުމެއްވެސް ލިބިފައި. 60،000 ފޮތް ހަދިޔާކުރުމަށް ހަމަޖެހި، އެކަމުގެ ރަސްމީ ލިޔެކިޔުންތައް ވަނީ ބަދަލުކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ގެންދަވާ ކަމެއްކަމުގައެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައިި ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވަވާފައެވެ. ހަމައެއާއެކު ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުން ވަނީ ހއ. ދިއްދޫއާއި ރ. އުނގޫފާރާއި ގދ. ތިނަދޫގައި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ. މީގެ ތެރެއިން ދިއްދޫގައި ޤާއިމުކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިންމާ އަންނަ މަހު ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ.