ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފިއެވެ. މި ކުތުބުޚާނާ ނުވަތަ ލައިބުރަރީ ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.
ސަލްމާން މިސްކިތުގައި ހުޅުވާފައިވާ މި ކުތުބުޚާނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ލައިބްރަރީއެވެ. މިތަނުގައި 10،000 އަށްވުރެ ގިނަ ފޮތް ތަފާތު 4 ބަހަކުން ކިޔެން ހުރެއެވެ. އަދި އަދަބިއްޔާތާއި ފިޤުހާއި ސުންނަތާއި އިސްލާމީ ތާރީޚާއި އިސްލާމީ މާލިއްޔަތާއި ޙަދީޘްގެ ޢިލްމާ ގުޅުންހުރި ގިނަ އަދަދެއްގެ ފޮތްތައް މި ލައިބްރަރީން ލިބެން ހުންނާނެއެވެ.
ލައިބްރަރީ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ޒަޢާމަތާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައިގަތް ދެއްކެވި ވާހަކަފުޅުގައި ދެ ތަރައްޤީއެއްގެ ވާހަކަ ފާހަގަކުރެއްވި ކަމަށެވެ. އެ ގޮތުން މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުން ޤައުމު ތަރައްޤީކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއިރު، މަޢުނަވީ ގޮތުން ގެނެވޭ ތަރައްޤީއަކީ އިންސާނުން ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނާ ކުރިއަރާ ޢިލްމީ ބަޔަކަށްވުމުގައި އެންމެ މުހިންމު ދައުރެއްއަދާކުރާ އެއްބަޔަކީ ކުތުބުޚާނާތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ޤާއިމުކުރުމަކީ މަޢުނަވީ ތަރައްޤީ ގެނައުމުގައި މުހިންމު ދައުރެއްއަދާކުރާނެ އެއްޗެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވާތީ ދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ ޢިލްމު އުނގެނުމަށް. ފޮތަކީ އިންސާނާ ހޭލުންތެރިކޮށްދޭ ހެޔޮ މަގަށް މަގު ދައްކައިދޭ އެއްޗެއް. އިންސާނާގެ ފިކުރަށް ހެޔޮ ބަދަލު ގެނެސްދޭ އެއްޗެއް." ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަލްމާން މިސްކިތުގައި ޤާއިމުކުރި ލައިބްރަރީއަށް އިތުރު 5،000 ފޮތް އިތުރުކުރެވޭނެ ކަމަށެވެ. އަދި ސްކޫލް ކުދިންނަށާއި ޔުނިވަރސިޓީ ދަރިވަރުންނަށް ޚާއްސަ އިންތިޒާމުތަކެއްގެ ތެރެއިން ލައިބްރަރަރީ ބޭނުންކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.