ޚަބަރު

އަޤްސާ މިސްކިތުގެ ކޮމްޕައުންޑަށް ޔަހޫދީން ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި


  • މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާތަކާ ޚިލާފު ޢަމަލެއް

  • މިއީ ހުރިހާ މުސްލިމުންނަށް ކުރާ ސީދާ ފުރައްސާރައެއް

މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ އޮފިޝަލުންނާއި ވަޒަންވެރިން އަދި އަސްކަރިއްޔާއިން ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން ގްވީރާއި އިސްރާއީލުގެ ވަޒަންވެރިންގެ ގްރޫޕަކުން ވަނީ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ އިމުގެ ތެރެއަށް ވަދެފައެވެ.

މަސްޖިދުލް އަޤްޞާގެއިމުގެ ތެރެއަށް ވަދެގަތުން ދިވެހި ސަރުކާރުން ކުށްވެރިކޮށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރުގެ މިޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ޙުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ ޢަމަލެއްކަމަށެވެ. އަދި މިފަދަ ޢަމަލުތައް ތަކުރާރުކޮށް ކުރުމަކީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންގެ ދީނީ ހައްގަށް ދޭ އަނިޔާއެއް ނޫން ކަމަށާއި އެއީ ހުރިހާ މުސްލިމުންނަށް ކުރާ ސީދާ ފުރައްސާރައެއްކަމަށް އެ ބާޔާނުގައި ވިދާޅުވިއެވެ.

އިސްރާއީލުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތަކާއި، އިސްލާމީ މުޤައްދަސް ތަންތަނުގެ ޙުރުމަތް ކަނޑާލުމަށް ހިންގާ އެންމެހާ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުންވަނީ މިބަޔާނުގައިވެސް ތަކުރާރުކުރައްވާފައެވެ.

މި ބަޔާނުގައި ވަނީ ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބި ކަމަށް ތަކުރާރުކުރައްވާފައެވެ. އިސްރާއީލުން ބައިނަލްއަޤްވާމީ ގާނޫނުތަކާ ހިލާފުވެފައިވުމާއެކު ޖަވާބުދާރީ ކުރުވުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ކަރާމާތާއި ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ މައްޗަށް އޮތް ޒިންމާ އަދާކުރުމަށް ވެސް ދިވެހި ސަރުކާރުން ގޮވައިލެއްވިއެވެ.