ޚަބަރު

15 އަހަރަށްފަހު ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފި


  • މިތަން ހުޅުވާފައިވަނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައި

  • ސްކޫލްގެ އިތުރު ހަރަކާތްތައްވެސް އެތަނުގައި ކުރިއަށް ގެންދާނެ

  • ދަރިވަރުންގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދޭނެ

15 އަހަރަށްފަހު ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފިއެވެ. ކްރޮސް ރޯޑްސްގައި ޤާއިމްކޮށްފައިވާ މި ކޭމްޕް ސަރަހައްދު ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ކްރޮސް ރޯޑްސްގައި ހުޅުވާފައިވާ ކޭމްޕް ސަރަހައްދަކީ ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ ތަނެކެވެ.

މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ މިއީ ދަރިވަރުންނަށް ކިޔެވުމުގެ އެކި ހަރަކާތްތަކުގައި މިތަން ބޭނުންކުރެވޭނެ ކަން ފާހަގަކުރައްވާފައެވެ.

"މިއީ ތައުލީމީ އެކި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ސަރަހައްދެއްގޮތަށް އޮންނާނީ، އަބަދު ކޭމްޕްތައް އެތަނުގައި ކުރިއަށް ނުދާނެ، އެހެން ވީމާ އެކި ދިރާސާތައް ކުދިން ކުރިއަށް ގެންދިޔުމަށްވެސް އެތަން ބޭނުންކުރެވޭނެ. އަދި އިތުރު ހަރަކާތްތަކަށްވެސް އެތަން ބޭނުންކުރާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ކޭމްޕް ތަރައްޤީކޮށްފައިވަނީ 3 ހެކްޓަރުގެ ސަރަހައްދެއްގައެވެ. އެތަނުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ހުރެއެވެ.