ޚަބަރު

ފިނިހޫނުމިން އުފުލުމާ ގުޅިގެން ކޮންމެ އަހަރަކު ބައި މިލިޔަނަށްވުރެ ގިނަ މީހުން މަރުވޭ


ފިނިހޫނުމިން އުފުލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު ބައި މިލިޔަނަށް ވުރެ ގިނަ މީހުން މަރުވާ ކަން ދިރާސާއަކުން ހާމަވުމާ އެކު، އެ އަދަދު މަދުކުރެވޭނެ ގޮތްތައް ދިރާސާ ކުރުމަަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެހީދޭ ޖަމުޢިއްޔާތަކުން ތެދުވެއްޖެއެވެ. މި ގޮތުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ނުރައްކާތައް ދެނެގަނެ، އެ ކަން ކޮންޓުރޯލު ކުރުމަށް 300 އެމެރިކާ ޑޮލަރުގެ ފަންޑެއް އެކުލަވައިލުމަށް އެހީދޭ ޖަމުޢިއްޔާތަކުން ވަނީ ނިންމައި، އިޢުލާނު ކޮށްފައެވެ.

އެ ފަންޑު އެކުލަވައިލައި، އެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ އިންސާނުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީވެދޭ މަހުޖަނުންނާއި އެ މީހުންގެ ކުންފުނިތަކުގެ ދަށުން ހިންގާ ފައުންޑޭޝަންތައް ނުވަތަ އެހީދޭ ޖަމުޢިއްޔާތަކުންނެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ މިހާރު ބްރެޒިލްގައި ކުރިއަށްދާ އެކުވެރި ދައުލަތްތައް (އދ)ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާގެ 30ވަނަ ބައްދަލުވުން (ކޮޕް30) ސަމިޓުގައެވެ.

ސައިންޓިފިކް ދިރާސާތައް ޝާއިޢު ކުރާ ދި ލާންސެޓް މަޖައްލާގައި އޮކްޓޫބަރު މަހު ޝާއިޢު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ، ފިނިހޫނުމިން އުފުލުމާ ގުޅިގެން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގައި އެވުރެޖުކޮށް ކޮންމެ އަހަރު 550,000އަށްވުރެ ގިނަ މީހުން މަރުވާ ކަމުގައެވެ. އަދި، ކޮންމެ އަހަރަކު އެ އަދަދު އުފުލެމުންދާ ކަމުގައެވެ. މީގެ އިތުރުން، ވައި ތަޣައްޔަރުވުމާ ގުޅިގެން ކޮންމެ އަހަރަކު އެވުރެޖުކޮށް އިތުރު 150,000އެއްހާ މީހުން ފުރާނަ ގެއްލޭ ކަމުގައި ވެސް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ލާންސެޓުގައި ޝާއިޢު ކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ، ވައި ތަޣައްޔަރުވުމުގެ މައްސަލަ އެންމެ ބޮޑަށް ގޯސްވަނީ ޤައުމުތަކުގެ ޖަންގަލިތަކުގައި ކޮންމެ އަހަރު ވެސް ހިނގާ ބޮޑެތި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ކަމުގައެވެ. އަދި، ހަކަތަ އުފެއްދުމަށް ތެޔޮ އެންދުން އިތުރުވެފައިވާތީ ކަމުގައެވެ. މީގެ އިތުރުން، ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށާއި، 1950ގެ އަހަރުތަކާ އަޅައިބަލާއިރު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު %49 އިތުރުވެފައިވާ ކަމުގައި ވެސް ސައިންސްވެރިންގެ ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

މި ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ކޮންޓުރޯލު ކުރުމަށް ކޮޕް30 ސަމިޓުގައި އިޢުލާނު ކޮށްފައިވާ 300 މިލިޔަން އެމެރިކާގެ ޑޮލަރުގެ ފަންޑުގެ ބޮޑު އިންސައްތައެއް ހޭދަކުރުމަށް ނިންމާފައި ވަނީ ދިރާސާއަށާއި، ފިނިހޫނުމިން އުފުލުން، ވައި ވަޣައްޔަރުވުން އަދި ގައިންގަޔަށް އަރާ ބަލިތައް ކޮންޓުރޯލު ކުރުމުގެ ދާއިރާއަށް ވުނަކުރުމަށެވެ. ފަންޑަށް ފައިސާގެ އެހީ ދޭނެ ކަމުގައި އިޢުލާނު ކޮށްފައިވާ ޖަމުޢިއްޔާތަކުގެ ތެރޭގައި ރޮކަރފެލަރ ފައުންޑޭޝަން، ގޭޓްސް ފައުންޑޭޝަން، ބްލޫމްބަރގް ފިލެންތުރޮޕީސް އަދި އައިކީއާ ފައުންޑޭޝަން ފާހަގަ ކޮށްލެވެއެވެ.

"އަޅުގަނޑުމެންނަކީ އިންސާނިއްޔަތަށް ޓަކައި ހޭދަކުރާ ބަޔެއް. ނެތެމުންދާ ނިޒާމެއްގައި އޮތް ބާގަނޑުތަކެއް ބައްދަން ޚަރަދު ކޮށްކޮށް ތިބުމަކީ އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ނޫން. އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ، އިންސާނިއްޔަތަށް ޓަކައި ޖަމާކުރެވޭ ފައިސާ ބޭނުން ކޮށްގެން އައު އީޖާދީ ގޮތްތަކެއް ހޯދައި، ކުރިއަރުވަން ގުޅިގެން މަސައްކަތް ކުރުން،" ރޮކަރފެލަރ ފައުންޑޭޝަންގެ އިސް
އޮފިޝަލެއް ކަމުގައިވާ އެސްޓެލް ވިލީ ވިދާޅުވިއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ކުރާ ނުރައްކާތައް ދެނެގަނެ، އެ ކަންކަން ކޮންޓުރޯލު ކުރުމަށް ޤައުމުތަކުގައި އަމަލު ކުރަމުންދާ ސިޔާސަތުތައް އެއްހަމަކޮށް، ތަންފީޒު ކުރުން ހަރުދަނާކޮށް، ބެލެހެއްޓުމަށް ބްރެޒިލުން ވެސް ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އަދި، އެ ކަން ކުރުމަށް ބްރެޒިލުން އިސްނަގައިގެން ވަނީ ބެލެމް ހެލްތު އެކްޝަން ޕްލޭންގެ ނަމުގައި އައު ޕުރޮގުރާމެއް އިފުތިތާހު ކޮށްފައެެވެ.