ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން "ދިވެހީންރާއްޖެ" ނަމުގައި ބޭއްވި "ބޮޑު ޖަލްސާ" އަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމެވެ. ޖަލްސާ ބޭއްވީ އާޓިފިޝަލް ބީޗުގައި ނަމަވެސް، އެތަނާއި ގުޅިފައިވާ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުވެސް އޮތީ ފުރިފައެެވެ. މީގެކުރިންވެސް ރަށްރަށުން މީހުން ގެނެސްގެން ބޮޑެތި ޖަލްސާތައް ވަނީ ބާއްވާފައެވެ. ނަމަވެސް ސިޔާސީ ތާއީދު އޮތްކަން ހާމަކުރުމަށް ޕީއެންސީން ދިވެހި ރައްޔިތުންނަށް ދައްކާލީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިފަހުގެ ތާރީޚުގައި ނުފެންނަފަދަ ތަފާތު މަންޒަރެކެވެ.
ޕީއެންސީން ބޭއްވި ބޮޑު ޖަލްސާއިން އެ ޕާޓީގެ ސައިޒު ދައްކާލި ނަމަވެސް، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ފަރާތުން ފެނިގެންދިޔައީ، ސިޔާސީ އެހެން ލީޑަރުން އެފަދަ ބޮޑެތި ޖަލްސާތަކުގައި ދައްކަވާ މަންޒަރާއި އަޅާކިޔާއިރު މުޅިން ތަފާތު، ތަހުޒީބީ މަންޒަރެކެވެ. މީގެކުރިން ރާއްޖޭގައި ބާއްވާފައިވާ ބޮޑެތި ސިޔާސީ އެއްވުންތަކުގައި ސިޔާސީ ލީޑަރުންގެ ކިބައިން ފެނިފައި ވަނީ ސިޔާސީ ވާދަވެރިންނަށް ބަހުގެ ހަމަލާތައް އަމާޒުކުރާ މަންޒަރެވެ. ނުވަތަ ސިޔާސީގޮތުން ލިބިފައިވާ ބާރެއްގެ ބޭނުންކޮށްގެން ވާދަވެރިންނަށް އަދަބުދީ ޖަލަށްލާނެކަމަށް ބުނެ ބިރުދައްކާ މަންޒަރެވެ. ސިޔާސަތު ޕްރޮމޯޓްކުރުމުގެ ބަދަލުގައި އެފަދަ ޖަލްސާތަކުން ފެނިފައިވަނީ ސިޔާސީ ފުރައްސާރަ އާއި ވަދަ ޖެހުމެވެ. ބައެއް ފަހަރު މިފަދަ އެއްވުންތައްް މުޒާހަރާއަކަށް ބަދަލުވެ، ހަމަނުޖެހުންތައްވެސް ހިނގާފައި އެބަހުއްޓެވެ.
ނަމަވެސް ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ފެނިގެންދިޔައީ ތަހުޒީބީ މުޖްތަމަޢުއަކުން ފެންނާނެ ފަދަ މަންޒަރުތަކެވެ. 13000 ވުރެ ގިނަ މީހުން ބައިވެރިވި ޕީއެންސީގެ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއަށް އޮތް ބޮޑު ތާއީދު ފެނިގެންދިޔަ ޖަލްސާއެއް ނަމަވެސް، އެމަނިކުފާނުގެ ފަރާތުން އެކަމާއި ބޮޑާވެވަޑައިގެންނެވުން ނުވަތަ ކިބުރުވެރިވެޑައިގެންނެވުންފަދަ މަންޒަރެއް ނުފެނެއެވެ. އެމަނިކުފާނުގެ ފަރާތުން ފެނުނީ އަަބަދުވެސް ފެންނަ މަޑުމައިތިރި އަދި ހިތްތިރި ސިފައެވެ. ސަރުކާރާ ސިޔާސީގޮތުން ދެކޮޅު ބޭފުޅުންނަށް ޕޯޑިއަމެއްގައި ވާހަކަ ދައްކަން ލިބިވަޑައިގަންނަވާ ކޮންމެ ފުރުޞަތެއްގައި ރައީސް މުއިއްޒުއާއި އެމަނިކުފާނު އާއިލާއަށް އަމާޒުކޮށް ހަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ދައްކާފައިވާއިރު، އެތައް ހާސް ބަޔަކު އޮތް ބިޔަ އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ ވާދަވެރި ސިޔާސީ ލީޑަރެއްގެ ނަންފުޅުވެސް ވިދާޅުނުވެއެވެ.
ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް ފާޑު ވިދާޅުވެ، ނުވަތަ އިންޒާރު ދެއްވުމުގެ ބަދަލުގައި ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވީ ސިޔާސީގޮތުން ބަދަލު ނުހިފާނެކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ސިޔާސީ ކުށްވެރިންނަށް ޚާއްސަކޮށްގެން ކުރީ ސަރުކާރުތަކުގައި ހެދި ޖަލު ގޮޅިތަކުގެ ބޭނުން ނުހިފާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ގައުމުގެ އެއްބައިވަންތަކަމާއި ހަމަޖެހުމަށް ދެއްވާ އަހަމިއްޔަތުކަން ހާމަކޮށްދެއްވިއެވެ.
ސިޔާސީ ވާދަވެރިންނަށް ހަޖޫ ޖައްސަވައި، މަލާމާތްކޮށް، ފުރައްސާރަ ކުރެވުމުގެ ބަދަލުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ކިޔައިދެއްވީ ދިވެހީންގެ ކުރިއެރުމާއި ހަމަޖެހުމާއި ފާގަތިކަމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ވާހަކައެވެ. އަދި ވަށާޖެހޭ ހައްލުތަކެއް ހޯއްދަވައިދެއްވުމަށް ތަންފީޒުކުރަން ފެއްޓެވި ހަރުދަނާ ސިޔާސަތުތަކާއެކު މިދިޔަ 2 އަހަރު، އެކި ދާއިރާތަކުން ހޯއްދެވި ކާމިޔާބީގެ ވާހަކަތަކެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާ، އެކި ދާއިރާތަކުން ކުރިއެރުން ހޯއްދަވައިދެއްވުމަށް އެކުލަވާލާނެ އައު ސިޔާސަތުތަކާއި ފައްޓަވާނެ މަސައްކަތްތަކުގެ ވާހަކައަކީ އެމަނިކުފާނުގެ ވާހަކަފުޅުގެ މައިގަނޑު ބައިތަކެވެެ.
ބޭނުންފުޅުވެވަޑައިގެންނެވިނަމަ، އެތައް ބައެއްގެ ކުރިމަތީގައި ސިޔާސީ ވާދަވެރިންނަށް ހިތުހުރި އެއްޗެއް ގޮވައި، އިލްޒާމްތައް އަޅުވައި، އެ ބޭފުޅުންނާމެދު ނަފްރަތު އުފެދޭ ގޮތަށްވެސް ވާހަކަފުޅު ދެއްކެވީސްއެވެ. ނަމަވެސް އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ދެއްކެވީ ތަހުޒީބު އަމަލުތަކާއި ހިކުމަތްތެރިކަމުގެ އިތުރުން އިސްލާމީ ގައުމެއްގެ ލީޑަރެއްގެ ފަރާތުން ފެންނަންޖެހޭނެ މާތް އަޚުލާގެވެ.
2 ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ ޖަލްސާ ނިންމަވާލެއްވުމަށްފަހު، އެތަން ދޫކޮށް ވަޑައިގެންނެވުމުގެ ބަދަލުގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނާއި ބައްދަލުކޮށް، ސަލާމްކޮށް، ދަންނަވަން ބޭނުންވާ ކަމެއް ދެންނެވުމުގެ ފުރުސަތު ޖަލްސާއަށް ވަޑައިގެންނެވި އާއްމު ރައްޔިތުންނަށް ދެއްވާފައެވެ.
މިހުރިހާ ކަމަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފާހަގަވެފައިވަނީ ސިޔާސީ ބާރުވެރިކަން ހޯދުމާއި ސިޔާސީ ބަދަލު ހިފުމުގެ އާދަކާދަ އާއި ސަގާފަތް ނިމުމަކަށް ގެންނެވި ބޭފުޅެއްގެ އިތުރުން، ރައްޔިތުންގެ ވެރިކަން، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި އިޚްލާސްތެރިކަމާއެެކު ކޮށްދެއްވުމުގެ މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައެވެ.
ރައްޔިތުންނާއި ގާތަށް ވަޑައިގެން، އެ ރައްޔިތުން ބޭނުންވާ ކަންކަން އަމިއްލަފުޅަށް ބައްލަވައެވެ. ރަށްރަށުގެ ކައުންސިލްތައް މާލެ ގެނައުމުގެ ބަދަލުގައި އެމަނިކުފާނު ވަޑައިގަންނަވަނީ އެ ރަށަކަށެވެ. ބޮޑެތި ނިންމެވުންތައް ނިންމުމުގެ ކުރިން ރައްޔިތުންގެ ވޯޓަކަށް ދިއުމަކީ ރާއްޖެއިން މީގެކުރިން ފެނުނު މަންޒަރަކަށް ނުވިނަމަވެސް، ރައީސް މުއިއްޒު ވަނީ އެސަގާފަތް ބަދަލުކޮށް، ބޮޑެތި ނިންމެވުންތަކުގައި ރައްޔިތުންގެ ހިޔާލު ހޯއްދަވާފައެވެ. ކޮންމެ ކަމެއްގައިވެސް އެންމެ އިސްކުރައްވަނީ ރައްޔިތުން ބޭނުންވާ ގޮތާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތެވެ. މަގްބޫލްކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ބައެއްގެ ނުރުހުން އަމާޒުވިޔަސް ރައްޔިތުންނަށް ފައިދާކުރާނެ ނިންމެވުންތައް ތަންފީޒުކުރެއްވުމަށެވެ. ބަޔަކު ނުރުހުނަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ޕީއެންސީގެ ބޮޑު ޖަލްސާގެ ސައިޒަށް ބަލާލުމުން ހާމަވެއެވެ.