ޚަބަރު

މާލޭގައި ޤާއިމުކުރާ "ދާރުލްއަރްޤަމް" ވަޤުފް އިމާރާތުގެ ބިންގާ އަޅައިފި


  • މިއީ 12 ފަންގިފިލާއަށް ތަރައްޤީކުރާ ވަޤުފު އިމާރާތެއް

  • މި މަސައްކަތް ކުރަނީ އާރްސީސީން

  • މި މަޝްރޫޢަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވޭ

މާލޭގައި އަލަށް ތަރައްޤީކުރާ ވަޤްފު ޢިމާރާތްކަމަށްވާ "ދާރުލްއަރްޤަމް"ގެ ބިންގާ އަޅައިފިއެވެ.

"ދާރުލްއަރްޤަމް"ގެ މަސައްކަތް ކުރުމަށް ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކުރީ މިިދިޔަ މަހުއެވެ. މި އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި "ދާރުލްއަރްޤަމް"ގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

12 ފަންގިފިލާއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤުފް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ނެޝެނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެން.ސީ.އައި.ޓީއާ ޖެހިގެން އޮތް ބިމުގައެވެ. މިއީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެއިތުރުން އިމާރާތުގެ ދެވަނަ ފަންގިފިލީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މިއިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.

މީގެއިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިވަޤުފު އިމާރާތް ތަރައްޤީކުރުމަށް އާރްސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢަށް ފަންޑު ކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭސިންގެ ދަށުންކަމަށެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވަނީ މިމަހުގެ ފަހުކޮޅު ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވަޤުފު އިމާރާތުގެ ބިންގާ އެޅުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ވަޤުފުގެ މަޝްރޫޢުތަކުން ލިބޭ އާމްދަނީން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންކަމަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވިއެވެ.

"މި އިމާރާތުން ލިބޭ ނަފާއިން ޚަރަދުކުރެވިގެންދާނީ އިސްލާމީ ޚިދުމަތަށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް، މިސްކިތްތަކަށް އަދި ދީނީ ހުރިހާ ކަމެއް ހިމެނޭހެން ޚަރަދުކުރެވިގެންދާނެ. އިރާދަކުރެއްވިޔާ ގިނަ ވެގެން ދެ އަހަރާއި ބައިގެ ތެރޭގައި މި ހުރިހާ މަޝްރޫޢުތަކެއް ނިމި މި ޢިމާރާތްތަކުގެ ބޭނުން މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ލިބެން ފަށާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ މި މަގުން" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

"ދާރުލްއަރްޤަމް" މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

މި އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އާމްދަނީގެ %80 އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ދާރުލްއަރުޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤުފް އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.