ފުވައްމުލަކަކީ، ރާއްޖޭގެ އެހެން އަތޮޅުތަކާއި ޚިލާފަށް އެއްފަސްގަނޑަކަށް ހިކިފައި އޮންނަ ހަމައެކަނި އަތޮޅެވެ. ފުވައްމުލަކަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވަމުންދާ ސިޓީއެކެވެ.
ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން، އެންމެ ހަލުވިކަމާއެކު ރަށު ފަތުރުވެރިކަން ފުޅާވަމުން އަންނަ އެއް ރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިރަށުގައި ތަރައްޤީކުރާ ގެސްޓްހައުސްތަކާއި، ޑައިވިން ސެންޓަރުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިތަންތަަނަށް ލިބޭ އާމްދަނީވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ފުވައްމުލަކުގައި މިހާރު 25އެއްހާ ގެސްޓަހައުސް އެބަހުއްޓެވެ. އަދި މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގާ 14 ޑައިވިން ސެންޓަރުހުރިއިރު، މިވަގުތު މިރަށުގައި 400އެއްހާ އެނދު އެބަހުއްޓެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ފުވައްމުލަކު ސެންޓްރަލް ޑައިވް ސެންޓަރުގެ އިންސްޓްރަކްޓަރ އަބްދުލް ފައްތާޙް ބުނީ، އެރަށުގެ ޑައިވް ސެންޓަރުތަކަށް ހަފްތާއަކު މިލިޔަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބޭކަމަށެވެ.
"ފުރަތަމަ އަޅުގަނޑުމެން ފެށީ އެންމެ ޑައިވް ސެންޓަރަކާއެކު، ފުރުސަތުތައް ހުރީމަ މިތަނުގެ 14 ޑައިވް ސެންޓަރސް މިހާރުވެސް ހުޅުވިފަ މިހުރީ. އެ 14 ޑައިވް ސެންޓަރަށް ފަތުރުވެރިން އެބައާދޭ، 3 ޑައިވް ސްކޫލަށް ބެލިޔަސް އަންނާނެ ގާތްގަނޑަކަށް އެއްލައްކަ ޑޮލަރު ހަފްތާއެއްގެ މައްޗަށް. ފުރުސަތުތައް އޮތީމަދެއްތޯ ޑައިވް ސެންޓަރުތައްވެސް އިތުރު މިކުރެވެނީ." އަބްދުލް ފައްތާޙް ބުންޏެވެ.
ފުވައްމުލަކުގެ ގެސްޓުހައުސްތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަކާއި ފިހާރަތަކުގެ ޚިދުމަތްވެސް ރަނގަޅުކަމަށް ފަތުރުވެރިންނާއި ޚިދުމަތް ހޯދާ އާންމުންނާއި، ރަށުން ބޭރުން މިރަށަށް ޒިޔާރަތްކުރާ ދިވެހިންވެސް ފާހަގަކުރެއެވެ.
ރަށުން ފަތުރުވެރިންނަށް ދޭ ޚިދުމަތާއެކު ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައަކީ ފަތުރުވެރިން އެކަންކަން ބަލާލަން ވަރަށް ޝަޢުޤުވެރިވާކަމެކެވެ.
ކުރިން ގިނަ މީހުންނަށް ހީވެފައޮންނަނީ ރަށު ފަތުރުވެރިކަމަކީ މާލޭގައި ނުވަތަ މާލޭ ކައިރި ރަށްރަށުގައި އެކަނި ކުރިއަރައިދާނެކަމެއްގެ ގޮތުގައެވެ. ނަމަވެސް، މި ދާއިރާއިން ރަށް ކުރިއެރުވުމަށް މަސައްކަތްކޮށްފިނަމަ ރަށު ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިދާނެކަން ފުވައްމުލަކަށް ބަލައިލުމުންވެސް އެނގެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފުވައްމުލަކު ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު ވިދާޅުވީ، ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ފުވައްމުލަށް ކުރިއަރަމުން ދަނީ ރަށު ރައްޔިތުންގެ ފަރާތުން ނުވަތަ ޕްރައިވެޓް ސެކްޓަރއިންކުރާ މަސައްކަތުންކަމަށެވެ.
"ފުވައްމުލަކަކީ މިއީ ދެކުނުގައި ލޯކަލް ޓޫރިޒަމްގައި އެންމެ ކުރީގަ އޮތް ރަށް. 25 އަށްވުރެ ގިނަ ގެސްޓްހައުސް އެބަހުރި. 400އަށްވުރެ ގިނަ އެނދު އެބަހުރި. ފުވައްމުލަކުގެ ޓޫރިޒަމް މިހާ ހިސާބަށް މިއައީ މިރަށުގެ އާންމު ފަރާތްތަކުން، ޕްރައިވެޓް ސެކްޓަރ އިން ކުރި މަސައްކަތުން. ޑައިވިން ސެންޓަރުތަކުންނާއި ގެސްޓަހައުސްތަކުން ކުރި މަސައްކަތުން." އިސްމާޢީލް ރަފީޤު ވިދާޅުވިއެވެ.
ޤުދުރަތީގޮތުން ފުވައްމުލަކަށް ލިބިފައިވާ ރީތިކަމުގެ އިތުރުން މިރަށަކީ ޢުމްރާނީގޮތުންވެސް ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަރަށެއްކަމީ ދެބަސްނުވެވޭނެ ހަޤީގަތެކެވެ.