ނަފްސާނީ ބަލިތައް އިތުރުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން މަސައްކަތުގެ އާބާދީއާއަށް އިތުރުވަމުންދާ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވީ، ޔުނިވަރސަލް ހެލްތު ކަވަރޭޖަކީ ހަމައެކަނި ސިޔާސަތެއް ނޫން ކަމަށާއި، އެއީ ވަކި މީހަކަށް ބެލުމެއްނެތި އެކަކުވެސް ބާކީ ނުކޮށް ފެންވަރު ރަގަޅު ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. ދިވެހިރާއްޖެ އުފެދިފައިއޮތް ގޮތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މި ވޭތުވެދިޔަ އަހަރުތަކުގައި ސިއްޙީ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް މައިމީހާއާއި ކުޑަކުދިންގެ ސިއްޙަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، ގައިންގަޔަށް އަރާ ބައެއް ބަލިތައް ނައްތާލެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ ދާއިރާއަށް ކުރިއެރުން ގެނެސްދިނުމުގައި ހަރަކާތްތެރިވި އެންމެނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގައި ފަހަކަށް އައިސް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެފަދަ ބަލިތަކުގައި މަރުވާ މީހުންގެ އިންސައްތަ 84 އަރާ ކަަމަށެވެ. އަދި މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް އަދިވެސް ބޭރުގެ ފަރާތްތަކަށް ބަރޯސާވާން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމުގެ އެކި ކަންކަމަށް އޭގެ އަސަރުކުރާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކާބޯތަކެތީގެ ނިޒާމަށާއި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރަށް ސިއްޙީ ނިޒާމުގެ އެކި ކަންކަމަށްވެސް އޭގެ ނޭދެވޭ އަސަރުކުރާކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ވަޒީރު ވަނީ ޒުވާނުންނަށާއި މަސައްކަތް ކުރާ އުމުރުފުރާގެ އާބާދީގައި ނަފްސާނީ ބަލިތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ޔޫ.އެޗް.ސީ ޙާޞިލު ކުރުމަށް 2026 އިން 2030އަށް މަގު ޗާޓެއް އެކުލަވާލުމާއި އެ ކަވަރޭޖްގައި މަޝްވަރާ ކުރެވުނު އިތުރު ކަންކަންވެސް ކުރެވޭނެކަމުގެ ޔަޤީންކަން އޮތްކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ސަރުކާރުން އިސްކަންދީފައިވަނީ ޔުނިވާސަލް ހެލްތު ކަވަރޭޖްގެ ބިންގާގެ ގޮތުގައި ޕްރައިމަރީ ހެލްތު ކެއާ ހަރުދަނާކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސިއްހީ ހިދުމަތްތައް ފުޅާކުރުމާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކޮށް އެކަމަށް އިސްކާން ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީންކުރުން. މިސާލަތަކަށް ކެންސަރު ސްކްރީނިންކޮށް އެވަހަށް ބަލި ދެނަގަތުމާއި ގައުމީ ނަފްސާނީ ސިއްހަތުގެ ހެލްޕްލައިނެއް ތަޢާރަފްކޮށް އެހީތެރިކަން ދަނީ ފޮރުކޮށްދެމުން." ސިއްޙީ ވަޒީރު ނާޘިމް އިބްރާހިމް ވިދާޅުވިއެވެ.
Maldives’ first National Forum on Universal Health Coverage concluded today. Minister @ANazim2019 highlighted the Government’s commitment to strengthening PHC, integrating mental health & elderly care, and expanding services under the Health Equity Policy. #UHC@WHOMaldives pic.twitter.com/X0qaQbaE84
— Ministry of Health (@MoHmv) December 14, 2025
ވަޒީރުގެ ވާހަކަފުޅުގައި ރައްޔިތުންނަށްދޭ ސިއްޚީ ޚިދުމަތް ފުޅާކޮށް ޕްރައިމަރީ ކެއަރގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ދޭފަރުވާ ހަރުދަނާކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ. ޕްރައިމެރީ ހެލްތް ކެއަރ ނިޒާމްގެ ތެރެއިން އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރުތައް ތަރައްޤީކުރުމާއި ކޮންމެހެން ބޭނުންވާ ސިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމާއި ފަރުވާ ދިނުމުގެ ކަންކަން ފުޅަކުރުމަށްޓަކައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުން ހިމެނޭކަން ވަޒީރު ފަހާގަކުރެއްވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖަކީ އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް، ތަފާތެއްނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއި އެކު ލިބެންހުރުމެވެ. ޔޫ.އެޗް.ސީ ޙާޞިލުކުރުމަކީ 2030 ގެ ނިޔަލަށް ޙާޞިލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސް.ޑީ.ޖީ) ގައި ކަނއަޅާފއިވާ އަދި ޤައުމެއްގެ ޞިއްޙީ ނިޒާމުގެ ފުރިހަމަކަން އަންދާޒާކޮށް މިންކުރުމަށްވެސް ބަލާ ލަނޑުދަނޑިއެކެވެ. އެސްޑީޖީއަކީ އދ.ގެ މެމްބަރު ގައުމުތަކުން 2015ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާ ފްރޭމްވޯކެކެވެ.
މޯލްޑިވްސް ޔުނިވަރސެލް ހެލްތު ފޯރަމްގައި ޤައުމުތަކުގެ ތަޖްރިބާއަށްބަލާ، އަދި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފައިވާ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ޔޫ.އެޗް.ސީ ޙާޞިލު ކުރުމަށް 2026 އިން 2030އަށް މަގު ޗާޓެއް އެކުލަވާލައި އަދި މި މަސައްކަތުގައި ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތައް ވަނީ ކަނޑައަޅާފައެވެ.