ޚަބަރު

10 ސެލޫނެއް ފާސްކޮށް، 3 ތަނެއް ބަންދުކޮށްފި


  • މިތަންތަން ބަންދުކުރީ އިމިގްރޭޝަނުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި

  • ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ދަނީ އޮޕަރޭޝަންތައް ހިންގަމުން

ޤަވައިދާ ޚިލާފަށް މާލޭގައި ހިންގި 10 ސެލޫނެއް ފާސްކޮށް، 3 ތަނެއް ބަންދުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގައި ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެެވެ.

އަދި ބަލައި ފާސް ކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގަމުންދާ 03 ތަނެއް ބަންދުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވައި، އެ މީހުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާ މެދު އިޙުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އިމިގްރޭޝަނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ، އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމާއި، އަމިއްލަ މަސައްކަތްތަކާއި ވިޔަފާރި ކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.