ޚަބަރު

ވެރިކަން ވައްޓާލަން އުޅެނީ އަމިއްލަ ފައިދާއަށް- ޝެއިޚް ޝަމީމް


މިހާރު އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުން މިދާ ހަމަނުޖެހުންތަކަކީ، ހަމަ ސީދާ ވެރިކަން އަތުލައިގަންނަންވެގެން، ވެރިކަމުގެ އަމިއްލަ ފައިދާތަކެއް ނަގަންވެގެން ކުރާ ކަމެއްކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ޔޫޓިއުބްގައި ޢާންމުކުރެވިފައިވާ އޭނާގެ ވާހަކަތަކެއްގައެވެ.

މި ވީޑިއޯގައި އައްޝައިޚް އާދަމް ޝަމީމްގެ ވާހަކަތައް ވީޑިއޯކުރެވިފައި ހުރީ، މައްކާގެ ޙަރަމްފުޅު ކައިރީގައި ހުންނަވައިގެން ވާހަކަދައްކަވަނިކޮށެވެ. ރާއްޖޭގައި ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރެވޭކަމަށް ބުނާ ވާހަކަތަކަށާއި ރާއްޖޭގައި ކުރެވޭ މުޒާހަރާތަކަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެފައިވަނީ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުން މިދާ ހަމަނުޖެހުންތަކަކީ، ހަމަ ސީދާ ވެރިކަން އަތުލައިގަންނަންވެގެން، ވެރިކަމުގެ އަމިއްލަ ފައިދާތަނެއް ނަގަންވެގެން ކުރާ ކަމެއްކަމަށެވެ. އަދި އެކަމުގައި ގިނައިން އުޅެނީވެސް އެކަކު އަނެކަކުގެ ޢަދާވާތްތެރިންކަމަށެވެ. މިއީ ވަގުތީ ކަމެއްކަމަށް އޭނާ ސިފަކުރައްވާފައިވެއެވެ.

"މިވެރިކަން މިއަދު ވެއްޓުނިއްޔޯ ނުވަތަ އިސްތިޢުފާ ދިނިއްޔޯ ރައީސުލްޖުމްހޫރިއްޔާ.. އެހެނޭ ކިޔާފައި ދެންތިބި މީހުން އެއްގަލަކަށް އަރާނެތޯ.. މުޅި ޤައުމު ފުނޑުފުނޑުވެގެންދާނީ އިނގޭތޯ.. މުޅި ޤައުމު ހަލާކުވެގެންދާނީ.. މި އުޅެނީ އަޅުގަނޑުމެންގެ ޤައުމު ހަމަ ސީދާ ޣައިރު މުސްލިމުންގެ އަތްދަށު އެއްކޮށް ނުވެގެންނޭ އަޅުގަނޑަށް ހީވަނީ ބަޔަކު މީހުން މި މަސައްކަތްކުރަނީ. އެހެންވެގެން ޣައިރު މުސްލިމުން އެހާބޮޑަށް އެ އެހީތެރިވަނީ" އައްޝައިޚް ޢާދަމް ޝަމީމް ވިދާޅުވިއެވެ.

އައްޝައިޚް އާދަމް ޝަމީމް ވިދާޅުވީ، ޤައުމަށް ހެޔޮއެދޭ މީހެއްނަމަ، ނުވަތަ ބަޔެއްނަމަކަ، މިފަދަ ކަންކަން ނުކުރާނެކަމަށެވެ. އަޅުގަނޑުމެން މީ މުސްލިމް ޤައުމެއްކަމަށް ވުމާއެކު، އަޅުގަނޑުމެންގެ ތެރޭގައި ގޯސް މީހުން ތިބިނަމަވެސް ޣައިރު މުސްލިމުންގެ އެހީހޯދައިގެން އައިސް ޤައުމު ބަދަލުކޮށް ނުވަތަ އެކަހަލަ ނުބައި ނިޔަތެއްގައި އެކަން ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ.

"އަޅުގަނޑު ޤަބުލެއް ނުކުރަން އޭރަކުވެސް އަދި މިހާރަކުވެސް އިންޤިލާބެއް ގެނައުން ނުވަތަ ބަޣާވާތެއް ކުރުން މިއީއެއް, ޝަރުޢީގޮތުން އާނއެކޭ ބުނެވޭކަހަލަ ކަމެއްކަމަކަށް. އަދި ކިއެއް. މިއީ ވަރަށް ނުބައި, ދީނުގައި ވަރަށް ބޮޑަށް ނަހީކުރެވިފައިވާ، ވަރަށް ނުރައްކާތެރި، އިސްލާމީ އުންމަތަށް ގެއްލުން ހުރި ކަމެއް. އަޅުގަނޑު އެކަން ހުއްދައެއް ނުކުރަން އެއްގޮތަކަށްވެސް. އަދި އަޅުގަނޑު ދަންނަ ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ވަރަށް ބޮޑަށް މަނާކުރައްވައި އިންކާރުކުރައްވާފައިވާ ކަންތައްތައް." އައްޝައިޚް ޢާދަމް ޝަމީމް ވިދާޅުވިއެވެ.

އައްޝައިޚް އާދަމް ޝަމީމް ވިދާޅުވި ގޮތުގައި ރާއްޖެއިން ފެންނަނީ، ވެރިޔަކަށް އަންނަ މީހާއާ އިދިކޮޅަށް މަގުމައްޗަށް ނިކުތުމުގެ ސިޔާސަތެކެވެ.

"މި ސިޔާސަތަށް އަޅުގަނޑުމެން މި އިންކާރުކުރަނީ. އަޅުގަނޑަށް ކަނޑައެޅިގެން ޔަޤީންކަމާއެކު މި ދަންނަވަނީ ދުނިޔޭގައި ނުހުންނާނޭ އިސލާމްނީދަށް ލޯބިކުރާ، އިސްލާމް ދީން ރަނގަޅަށް ކިޔަވައިގެން ހުރި، ދީނީ ދަޢުވަތާއި އިސްލާމް މަސައްކަތްކުރާ އެއްވެސް ލާޢީއެއް، ޢިލްމުވެރިއެއް މިފަދަ ޢަމަލުތައް ހުއްދަކުރާ. ނުހުންނާނެ. ހަމައެކަނި އަމިއްލަ ޙަސަދަވެރިކަމެއްގެ ސަބަބުން ދުވާލަކު ޕާޓީއަކަށް ވަދެފައި ނުވަތަ ދުވާލަކު ގޮތަކަށް އުޅެފައި ނުވަތަ ކޮންމެ ވެރިކަމަކާ ދެކޮޅަށް މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގާ ގޮތަށް މަސައްކަތްކުރަނީ. މިއީ އަޅުގަނޑުމެންނަށް ފެންނަ އެއްޗަކީ އިނގޭތޯ." އައްޝައިޚް ޢާދަމް ޝަމީމް ވިދާޅުވިއެވެ.

އައްޝައިޚް އާދަމް ޝަމީމް ވިދާޅުވީ ސަރުކާރުގައި ހުންނަ ބައެއް މައްސަލަތައް ގޯސްވީމާ ނުވަތަ ވެރިމީހާ އަނިޔާވެރިއޭ ގޯހޭ ކިޔާފައި، ހަޅުތާލުކުރުމާއި މުޒާހަރާކުރުމަކީ ޙައްލު ނޫންކަމަށެވެ. އޭގެ ސަބަބުން ޤައުމުގައި ބައިބައިވެ، ރައްޔިތުން ބައިބައިވެ، ސިފައިންނާއި ރައްޔިތުންނާ ތަޅައިފޮޅައި، ޤައުމުތެރޭގައި ހަލަބޮލިކަން އުފެދި، ޤައުމުގެތެރޭގައި އަމާންކަން ގެއްލޭކަމަށެވެ. މިއީ އެއްވެސް ދީނަކުން އެއްވެސް ޝަރުޢަކުން އަޤްލަކުން ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް ޝައިޚް ވިދާޅުވިއެވެ.

"އަޅުގަނޑަށް ކެރޭ މިހަރަ ކަޢުބަތުﷲ ގެފުޅުގެ ވެރި އިލާހު ގަންދީ ބުނަން އިސްލާމީ ޤައުމެއްގައި އެގޮތަށް ހަޅުތާލު، މުޒާހަރާ ނޫނީ ވެރިކަން ބަދަލުކުރަން މަސައްކަތްކުރުމަކީ ހުއްދަ ކަމެއް ނޫނޭ. އެއީ އަޅުގަނޑު އީމާންވާގޮތް. އަޅުގަނޑު ޤަބޫލުކުރާ ގޮތް. އެވާހަކަ އަޅުގަނޑުގެ މީހުންގެ ގާތުގައި، އަޅުގަނޑާ ސުވާލުކުރާ މީހުންގެ ގާތުގައި އަބަދުވެސް ދައްކާ ވާހަކައެއް. އަޅުގަނޑު ޖެހިލުމެއްވެސް ނުވޭ އެވާހަކަ ދައްކާކަށް މިހާރުވެސް." ޝައިޚް ޢާދަމް ޝަމީމް ވިދާޅުވިއެވެ.

އައްޝައިޚް އާދަމް ޝަމީމްގެ ވާހަކައިގައި، ބޭރުގެ ޢަދުއްވުންނާއި ނުވަތަ ޣައިރު މުސްލިމުންނާ ގުޅިގެން، ރާއްޖޭގެ ކަންކަން ބަދަލުކުރުމަށް މަސައްކަތްކުރުމަކީ ރަނގަޅު ނަތީޖާ ނުނެރެވޭކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މެދުއިރުމައްޗާއި ޢަރަބި އިސްލާމީ ބައެއް ޤައުމުތަކުން ފެންނަން ހުރި މިފަދަ މިސާލުތައް ޝައިޚް ޝަމީމް ބަޔާންކުރެއްވިއެވެ.