ޚަބަރު

ކުޅިވަރުގެ 879 މަޝްރޫއެއް 12 މަސް ދުވަހުގެ ތެރޭގައި ނިމޭނެ: ރައީސް


  • ރައީސް ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް

މިސަރުކާރުން ކުޅިވަރުގެ 879 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށާއި، ކުރިޔަށް އޮތް 12 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިސަރުކާރުން މިދިޔަ އަހަރު 33 މަޝްރޫއެއް ނިންމާފައިވާނެ ކަމަށާއި، ކުރީ ސަރުކާރުން ފަށާ ނުނިންމާ ހުރި 59 މަޝްރޫއެއް މިދިޔަ އަހަރު ވާނީ ނިންމާފަ ކަމަށެވެ. މިސަރުކާރުން ކުޅިވަރުގެ 92 މަޝްރޫއު މިހާތަނަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

" މިސަރުކާރުން 879 މަޝްރޫއެއްގެ މަސައްކަތް އެކި ކަންކޮޅުތަކުގައި އެކި މަރުހަލާގައި ކުރިޔަށް އެބަދޭ. މިހުރިހާ މަޝްރޫއެއްވެސް ކުރިޔަށް އޮތް 12 މަސްދުވަހުގެތެރޭގައި ނިންމާ ހަވާލުކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިިދާޅުވީ މާލެއާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް 16 ސްޕޯޓްސް ކޮމްޕްލެކްސް ހުޅުވުން ހިމެނޭ ކަމަށެވެ. އަދި މިއަހަރު އިތުރު 5 ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުޅިވަރު ކުރިއަރުވާ ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމާއި، ގައިގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް މުހިންމު އިސްކަމެއް ދެއްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.