ޚަބަރު

ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށައިފި


  • ރަށުގެ މައި މަގުތައް ހިމެނޭހެން 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ

  • މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރާނެ

  • މި މަޝްރޫޢަށް 99 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ

ހއ. ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއީ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކެލާ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކާ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި އާރް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމާއި ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒްވެސް ބައިވެރިވެވަޑައިގަތެވެ.

ކެލާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނޭހެން ޖުމްލަ 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ކެލާ މަގު ހެދުމުގެ މަޝްރޫޢަށް 99 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.