މިމަހު 22-19 އަށް ނޭޕާލްގެ ކަތްމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރަތަމަ މެޗުގައި ވަރުގަދަ ކިރްގިސްތާނާއި ދެކޮޅަން ނިކުންނަން ޖެހިއްޖެއެވެ.
ވޮލީބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ މުބާރާތުގެ ޝެޑިއުލް ލިބިފައިވާއިރު ގައުމީ ޓީމުގެ ފަރިތަކުންތައް ވަރަށް ފޯރީގައި މިހާރު ކުރިޔަށް ގެންދާ ކަމަށެވެ.
ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު މި މުބާރާތަށް ފަރިތަކުރަމުން އަންނަނީ، ތަޖުރިބާކާރު ކޯޗު މުޙައްމަދު ނަދީމުގެ އިރުޝާދުގެ ދަށުން މާލޭ، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ.
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ޕޫލް އޭ ގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އިންޑިއާ، ކިރްގިސްތާން އަދި ނޭޕާލެވެ. ޕޫލް ބީގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ، ކަޒަކިސްތާން އަދި އީރާނެވެ.
މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތަށް ރޭވިފައިވާ ގޮތަށް ބަލާއިރު، ރާއްޖެއިން ފުރަތަމަ މެޗުގައި ކިރްގިސްތާނާއި ދެކޮޅަށް ނިކުންނާނީ މުބާރާތުގެ ފުރަތަމަ ދުވަހުގެ ރެއެވެ. ދެވަނަ މެޗުގައި ރާއްޖެ ނިކުންނާއި އިންޑިއާއާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިމަހު 23 ގައެވެ. 24 ގައި ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މިމަހު 28ގައެވެ. އަދި ފައިނަލް މެޗާއިއެކު ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ތާވަލުކޮށްފައިވަނީ 29 ވަނަ ދުވަހުގެ ހަވީރަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރާއްޖޭގައި ބޭއްވި ކާވާ ކަޕްގެ ފައިނަލްގައި ރާއްޖެ ވަނީ ކިރްގިސްތާން އަތުން 3 ސެޓު 1 ސެޓުން ބަލިވެފައެވެ. ކިރްގިސްތާނަކީ މި ސަރަހައްދުގެ ވަރުގަދަ ކުޅުންތެރިން ހިމެނޭ ޓީމެކެވެ.