ދިވެހި ޙައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމަށް ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ވިދާޅުވެއްޖެއެވެ.
ޙައްޖުގެ ކަންކަމުގައި ސަޢުދީގެ ރާއްޖޭގެ އެޖެންޓް ނުވަތަ މުޠައްވިފް، ރަވާފް މިނާއާއި ޙައްޖު މިޝަނުން ވަނީ ބައްދަލުކުރައްވާފައެެވެ.
މި ބައްދަލުވުމުގައި ރަވާފް މިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ޒުހައިރް ޢަބްދުލް ޙާމިދް ސަދަޔޯއެވެ. ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނީ ރާއްޖެއިން މައްކާގައި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވުމަށް ޤާއިމުކުރާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ. އަދި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ކޮންމެ ޙާޖީއެއްގެ ދަތުރު ފަސޭހަކޮށްދީ، މަގު ދައްކައިދޭ ޚާއްޞަ އެހީތެރިންނަކީ މުޠައްވިފުންނެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މުޠައްވިފަކީ ރަވާފް މިނާއެވެ.
މުޠައްވިފާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ ދިވެހި ހައްޖާޖީންނަށް ޚިދުމަތްތައް ދިނުމަށް މިހާތަނަށް ކުރިއަށްގެންދެވުނު މަސައްކަތްތަކާއި ޙާޖީން މައްކާއަށް އަންނަ ދުވަސްތަކަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެންމެހާ މަޝާއިރުތަކުގެ އިންތިޒާމްތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
"މުޠައްވިފް ހަމަޖައްސަވަންޖެހޭ އެންމެހާ އިންތިޒާމްތައް ސަޢޫދީއިން ދީފައިވާ މުޙުލަތުތަކަށް ދަނީ ގެންދަމުން. ފުރިހަމަ އިންތިޒާމްތަކެއް މި ޙައްޖު މޫސުމުގައިވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވި" ރާއްޖެއިން މައްކާގައި ޙައްޖުވެރިންނަށް ޚިދުމަތް ދެއްވުމަށް ޤާއިމުކުރާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވިއެވެ.
މުޠައްވިފުންގެ ޒިންމާއަކީ ޙާޖީންގެ ދުޅަހެޔޮކަމާއި ބޭނުންތައް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ދަތުރުފަތުރާއި ޙާޖީންނަށް މައްކާއިން މަރުޙަބާކިޔުމާއި، ކެއިންބުއިމާއި ފެނާއި ޞިއްޙީ ޚިދުމަތް ތިބޭނެ ތަން ހަމަޖެއްސުމުގައި އެހީތެރިކަން ދޭ ބަޔަކީ މުޠައްވިފުންނެވެ.
އަދި ޙާޖީންގެ ރައްކާތެރިކަމަށް ދޭ ރަސްމީ ހުއްދަ ކާޑު، "ނުސުކް ކާޑު" ހަވާލުކުރުމާއި އެހީތެރިކަން ހޯދުމަށް ފަސޭހަކުރުމަށް އަތުގައި އަޅާ ސެކިއުރިޓީ ބޭންޑްވެސް ހަވާލުކުރާނެއެވެ.
ޢަރަފާތު ބިމާއި މިނާގައި ފޭލިގެ ޖަހައި ތިބޭނެ ތަން ހަމަޖެއްސުމާއި، ޙައްޖުގެ ދުވަސްތަކުގައި މައްކާ ތެރޭގައާއި މަދީނާއާއި ޖިއްދާއަށް ދަތުރުފަތުރު ހަމަޖެއްސުމަކީ ވެސް މުޠައްވިފުންގެ ޒިންމާއެކެވެ. ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހޯޓަލުގެ ކަންކަން ހަމަޖައްސާފައިވޭތީ ބެލުމާއި، ޙާޖީންނާއި ހޮޓެލް މެނޭޖަރުންނާއި ޓްރެވެލް އެޖެންޓުންނާ ދެމެދު މުޢާމަލާތްތައް ހިންގުމަކީވެސް މުޠައްވިފުގެ ޒިންމާއެކެވެ. ކުއްލި ޞިއްޙީ ޙާލަތެއް ދިމާވެއްޖެނަމަ، ޞިއްޙީ މަރުކަޒަކާއި އެމްބިއުލެންސް ހަމަޖައްސައިދިނުމުގައި ވެސް މުޠައްވިފު އެހީތެރިވެދެއެވެ.
"އާ ޕެކޭޖްތަކުގެތެރެއިން މިނާގެ އިންތިޒާމްތަކަށް އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްފައި. އެގޮތުން ފާޚަނަތައް އިތުރުކުރުމާއި، ކެއްކުމުގެ އިންތިޒާމްފަދަ މުހިންމު ކަންތައްތަކެއް ވަނީ އިތުރުކޮށްފައި" ރަވާފް މިނާގެ ސީއީއޯ ވިދާޅުވިއެވެ.
މުޠައްވިފަކީ ހަމައެކަނި އިންތިޒާމުތައް ހަމަޖައްސާ ބައެއް ނޫނެވެ. ޙާޖީން ހޭލުންތެރިކުރުމާއި ދީނީގޮތުން ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެއެވެ.
މައްކާއަށް ޙާޖީންނަށް ދެވޭ ހިސާބުން ފެށިގެން ދަތުރު ނިމެންދެން މުޠައްވިފުން ޙާޖީންނަށް ޚިދުމަތްކުރުމުގައި ދެމިތިބެއެވެ. އެހެންކަމުން ޙައްޖަށް ދާ މީހާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޚިދުމަތްތައް ތާވަލުކުރެވި ރާވާ ހިންގާ މުޠައްވިފުންގެ ޚިދުމަތެވެ.