ޚަބަރު

ބީއެމްއެލްއަކީ ފަތުރުވެރިކަމުގެ އިތުބާރުހިފޭ ބައިވެރިއެއް: އަފީފް


  • ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ބީއެމްއެލްއިން ދެމުންދާ އެއްބާރުލުން ފާހަގަކުރެއްވި

  • ބީއެމްއެލްއިން ދޫކުރާ ފައިނޭންސިންގެ އެހީގައި ސިނާއަތް ކުރިއެރުމަށް މަގުފަހިވާކަމަށް ވިދާޅުވި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިތުބާރު ހިފޭ ބައިވެރިއެއްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

މަޓީގެ ޗެއާމަން ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ބީއެމްއެލްއިން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާއިރު، ރިސޯޓު ތަރައްޤީ ކުރުމަށާއި، އުފެއްދުންތައް އިތުރުކުރުމަށާއި، އޮޕަރޭޝަނަލް ރެޒިލިއަންސްއަށް މަގުފަހިކުރުވުމަށް މާލީ އެހީތެރިކަން މުހިންމުކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއެކު ބީއެމްއެލްއިން ޒަމާނުއްސުރެ ބާއްވަމުން އަންނަ ގާތް ގުޅުމަކީ މި ސިނާއަތް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށް އަފީފް ވިދާޅުވިއެވެ. ބޭންކުގެ ދައުރާ ގުޅޭގޮތުން އަފީފް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގައި ބީއެމްއެލްއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް މުހިންމު، އިސް ބައިވެރިއެއް. އެ ބޭންކުން ދޫކުރާ ފައިނޭންސިންގެ އެހީގައި މި ސިނާއަތް ފުޅާކުރުމަށާއި، އައު ޚިދުމަތްތައް ތައާރަފްކުރުމަށާއި، އަދި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަނީ މަގުފަހިވެފައި. ފައިނޭންސިންގ ހޯދުމަށް އައު މަގުތައް ހޯދުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުވެ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ހިއްސާއެއް ލިބިގެންދާނެ." މަޓީގެ ޗެއާމަން އަފީފް ވިދާޅުވިއެވެ.

މަޓީގެ ޗެއާމަން މިފަދައިން ވިދާޅުވެފައި މިވަނީ ބީއެމްއެލްގެ ފަންޑިން ބޭސް ފުޅާ ކުރުމަށް ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި މަޝްވަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ އައު ތަރައްޤީތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމާއި، ދެވޭ ޚިދުމަތްތައް އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި އޮތުން މުހިންމެވެ.

ބީއެމްއެލްއިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ފައިނޭންސް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އަދި ފަންޑިންއާއި އައު ފުރުޞަތުތައް ހޯދުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިނޭންޝަލް ޕާޓްނަރެއްގެ ގޮތުގައި ބޭންކުގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެކަމަށް ބެލެވެއެވެ.