މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ޖަޕާނުގެ ޓީމު މެކްސިކޯއަށް ދިއުމުން އެ ޓީމަށް ހޫނު މަރުހަބާއެއް އެ ގައުމުން ކިޔައިފި އެވެ.
އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާ ގުޅިގެން ބާއްވާ މި ފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ ޖަޕާންގެ ޓީމު ބޭސްވުމަށް ހަމަޖެހިފައިވަނީ މެކްސިކޯގަ އެވެ. މެކްސިކޯގެ ނުއެވޯ ލިއޯން އަށް ޖަޕާނުގެ ޓީމު ދިއުމުން އެ ޓީމަށް މަރުހަބާ ކިޔާފައިވަނީ ނުއެވޯ ލިއޯންގެ ގަވަރުނަރ ސެމުއެލް ގާސިއާ އެވެ. އަދި މެކްސިކޯގެ ރަސްމީ ތޮފި ވަނީ އެ ޓީމުގެ ކުޅުންތެރިންގެ ބޮލުގައި އަޅުވާފަ އެވެ.
ޖަޕާނުގެ ޓީމު މެކްސިކޯގެ މޮންޓެރޭގައި ފަރިތަކުރުމަށްފަހު ޖޫން 7 ވަނަ ދުވަހު ނޭޝްވިލް އަށް ދާނެ އެވެ. އަދި އެތަނުގައި މުބާރާތުގެ ތައްޔާރީތައް ކުރިއަށް ގެންދާނެ އެވެ.
ފީފާ ވޯލްޑްކަޕްގައި 8 ވަނަ ފަހަރަށް ޖަޕާނުން ވާދަކުރާއިރު, މި ފަހަރު ޖަޕާން ހިމެނިފައިވާ ގްރޫޕް އެފްގައި ދެން ހިމެނެނީ ނެދަލޭންޑްސް އާއި ޓިއުނީޝިޔާގެ އުތުރުން ސްވިޑަން އެވެ.
މި ފަހަރުގެ ވޯލްޑްކަޕްގައި މުޅި އައު ގަވާއިދުތަކެއް ހަދާފައިވާއިރު, އޭގެ ތެރެއިން ކުޅުންތެރިޔަކު ބަދަލު ކުރުމަށް ލިބޭ އެއް މިނިޓުގެ ތެރޭގައި ކުޅުންތެރިޔާ ނާރައިފިނަމަ ކުޅުން ފަށާނެ އެވެ. އަދި އަލަށް ދަނޑަށް އަރަން ހުންނަ ކުޅުންތެރިޔާއަށް ދަނޑަށް އެރޭނީ އެއް މިނިޓު ފަހުންނެވެ.
ފީފާ އިން ގެނައި މި ބަދަލުގެ ފައިދާ އެންމެ ފުރަތަމަ ކޮށްފައިވާ ޓީމަކީ ޖަޕާން އެވެ. އެއީ މި ހަފްތާގައި އެ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އައިސްލެންޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި އައިސްލެންޑްގެ ކުޅުންތެރިޔާ ދަނޑަށް ނާރާ އެއް ކުޅުންތެރިއަކު މަދުން ކުޅެނިކޮން ޖެހި ލަނޑާއެކު ޖަޕާން ވަނީ 1-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކޮށްފަ އެވެ.
ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި ޖަޕާން ޖޫން މަހުގެ 14 ވަނަ ދުވަހު ނިކުންނާނީ ނެދަލޭންޑްސް އާއި ދެކޮޅަށެވެ.