މޫސުމީ ބަދަލުތަކަށް ވިލުންތެރި ގައުމެއް ބިނާކުުރުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ސްކޫލް ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމަށް 'ވިލުންވެށި'ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ ދަށުން ގާއިމުކުރި ފުރަތަމަ ބަގީޗާ އިފްތިތާހުކޮށްފައިވަނީ ހިރިޔާ ސްކޫލުގައެވެ.
ހިރިޔާ ސްކޫލުގެ މި ބަގީޗާއަށް "ގާޑަން އޮފް ގްރޯތު" ގެ ނަމުން ނަން ދީފައިވާއިރު، މި ބަގީޗާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. މި ރަސްމިއްޔާތުގައި ޖައިކާ މޯލްޑިވްސް އޮފީހުގެ ރެޕްރެޒެންޓޭޓިވް މޮޓޫ ޓާކީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީ އަދި ހިރިޔާ ސްކޫލުގެ އިސްވެރިންނާއި ކަމާގުޅޭ އެކި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވިއެވެ.
މި ޕްރޮގުރާމު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް އަންނަމުންދާ ތަރައްޤީއާއެކު އާބާދީ އިތުރުވެ، އިމާރާތްތައް އުސްވަމުންދާތީ، ކާނާ އުފެއްދުމުގައި އައު އުކުޅުތަކެއް ބޭނުންކުރުން މުހިންމު ކަމަށެވެ. އަދި ދިރިއުޅުން އުސް އިމާރާތްތަކަށް ބަދަލުވަމުންދާއިރު، ރާއްޖޭގައި އުފައްދާ ކާނާގެ މިންވަރު އިތުރުކުރުމަށްޓަކައި "ވާޓިކަލް ފާމިންގ" ނުވަތަ އޮލަނބަށް ގަސް ހެއްދުމުގެ ނިޒާމުތައް ބޭނުންކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
ގޭގޭގެ ގޯތިތެރޭގައި މޭވާއާއި ތަރުކާރީ ހައްދައިގެން އާއިލާތަކުން ބޭނުންކުރި އާދަކާދައަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ، އައު ޖީލުތަކުގެ ކުދިން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމަށް މިފަދަ އުކުޅުތައް ބޭނުންކުރުން މުހިންމު ކަމަށެވެ. އެގޮތުން، ސްކޫލްތަކުގައި ހަދާ ދަނޑުތަކަކީ ހަމައެކަނި ގަސް ހައްދާ ތަނެއް ނޫން ކަމަށާއި، އެއީ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބި، ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ލޯބިޖެހި، ކާނާގެ ރައްކާތެރިކަމާއި ތިމާވެށި ޙިމާޔަތްކުރުމުގެ މުހިއްމުކަން ދަސްކޮށްދޭ އަގުހުރި މަރުކަޒުތަކަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ސްކޫލް ބަގީޗާ ނުވަތަ ދަނޑަކީ ހަމައެކަނި އެންވަޔަރަންމަންޓް ކްލަބްގެ ކުދިންނަށް އަމާޒުކުރެވިފައިވާ ތަނަކަށް ނުހަދައި، ހުރިހާ ދަރިވަރުން ބައިވެރިވާ، ކިޔަވައިދިނުމުގެ ތެރޭގައި ހިމެނޭ މުހިއްމު ބަޔަކަށް ހެދުމަށް މުދައްރިސުންނަށް އިރުޝާދުދެއްވިއެވެ. މީގެ އިތުރުން، ސްކޫލުން ދަސްކުރާ ދަނޑުވެރިކަމުގެ ހުނަރުތައް ގޭގައި ބޭނުންކޮށް، ޢާއިލާތައް ހޭލުންތެރިކުރުވައި، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދެމެހެއްޓެނިވި މުޖުތަމަޢެއް ބިނާކުރުމުގައި ދަރިވަރުންގެ ދައުރު އަދާކުރުމަށްވެސް ވަޒީރު ބާރުއެޅުއްވިއެވެ،
"އެޑިއުކޭޝަން މިނިސްޓްރީގެ އެހީއާއި އެކީގައި ފުރަތަމަ ސްކޫލެއްގެ ގޮތުގައި އަޅުގަނޑުމެން ހިރިޔާ ސްކޫލުގައި މި ޕްރޮގްރާމު މި ފެށީ ގްރީންހައުސްއާއި ހައިޑްރޯފޯނިިކް ޓަވާތައް ބޭނުންކޮށްގެން. މީގެން އަޅުގަނޑުމެން ހާއްސަ އިސްކަމެއް މިދެނީ ހަމައެކަނި ސްކޫލުގެ އެންވިރޯންމެންޓް ކްލަބުގައި އުޅޭ ކުދިންނަކަށް ނޫން. ސްކޫލުތަކުގައި މިފަދަ މާއްދާތައް ކިޔަވައިދޭއިރު ޕްރެކްޓިކަލީ ބަލާލަންވެސް މިއީ ހަަމަ ވަރަށް ރަނގަޅު ޕްރޮގްރާމެއް." ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ވިދާޅުވީ، ވިލުންވެށި ސްކޫލް ގާރޑްން ޕްރޮގުރާމަކީ ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެފުގެ އޮންނަ ގުޅުމުގެ ތެރެއިން މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް އަމުނާލޭ އައު މަސައްކަތެއް ކަމަށެވެ. އަދި މިއީ ޖަޕާނު ސަރުކާރުން މޫސުމީ ވިލުންތެރިކަން، ތަޢުލީމު، އަދި މުޖުތަމަޢުގެ ކުރިއެރުވުމުގެ ދާއިރާތަކުން ދުޅަހެޔޮ ބަދަލުތަކެއް ގެނެއުމަށްދެވޭ އެހީއެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
"ހިރިޔާ ސްކޫލުގެ ތަރައްޤީއަށް އެތަަށް ދުވަސްތަކެއް މަތިން އެކި މަޝްރޫއުތައް ހިންގުމުގައި ޖަޕާނުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ، މިއަދުވެސް އެފަދަ މަޝްރޫޢެއް ފެށިގެން މިދަނީ. އުންމީދުކުރަން މިކަމުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ދަރިވަރުން ހިފާނެކަމަށް." ސަފީރު ވިދާޅުވިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ އެ ވުޒާރާއިން ކުރިއަށްގެންދާ "އެންހާންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" އީސީއާރުއެފްއެސް، މަޝްރޫއުގެ ދަށުން، ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ހިންގާ ހަރަކާތެެއް ކަމަށެވެ. އަދި މި ޕްރޮގްރާމް ސްކޫލްތަކުގައި ތަންފީޒުކުރަނީ ތައުލީމީ ވުޒާރާއާއި ގުޅިގެންނެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނަށް ޢަމަލީ ގޮތުން ދަނޑުވެރިކަމުގެ ތަޖުރިބާ ހޯދައިދިނުމާއި އެކު ތިމާވެށި ޙިމާޔަތްކުރުމަށް ބާރުއަޅާ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި، ކާނާގެ ނިއުޓްރިޝަނާއި ދުޅަހެޔޮ ކާނާގެ އިޚްތިޔާރުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމާއި، ޢަމަލީ މަސައްކަތުގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކޮށް، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުކުޅުތަކަށް އަހުލުވެރިކުރުވުމަކީވެސް ޕްރޮގްރާމުގެ ބޭނުމެއް ކަަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ބަގީޗާ ފަރުމާކޮށްފައިވަނީ ޒަމާނީ ވަޞީލަތްތަކާއެކުގައެވެ. އޭގެ ތެރޭގައި ވާޓިކަލްކޮށް ގަސްހެއްދުމަށް ބޭނުންކުރާ ސިސްޓަމްތަކާއި، ފަތްޕިލާވެލި ހެއްދުމަށް ޚާއްސަ ހައިއިޑްރޯޕޯނިކްސް ސިސްޓަމްތަކުގެ އިތުރުން މޭވާ ހައްދާނެ ޚާއްސަ ސަރަހައްދެއް ހިމެނޭ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ގޮތުން ފެން ބޭނުންކުރުމަށްޓަކައި ވާރޭފެން ރައްކާކޮށްގެން ގަސްތަކަށް ފެންދެވޭނެ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
އީސީއާރުއެފްއެސް މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މުއައްސަސާތަކާއި ޢާންމު މުޖުތަމަޢުގެ ޤާބިލުކަން އިތުރުކުރުމެވެ. މި މަޝްރޫއުގެ ދަށުން ސްކޫލް ގާޑަން ޕްރޮގްރާމަކީ ރާއްޖޭގެ 5 ސްކޫލެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތެކެވެ. މި މަޝްރޫއަށް ހަރަދުކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކާއި، އޯޝަން ރެޒިލިއަންސް ކޯސްޓަލް އެޑަޕްޓޭޝަން ޓްރަސްޓް ފަންޑުގެ އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.