ރާއްޖެއާއި އިންޑިއާއި ސަރުކާރާއި ދެމެދު ކުރެވުނު މަތީ ފަންތީގެ މަޝްވަރާތަކަށް މިހާރު އަމަލީ ގޮތުން ކުރިއެރުން ލިބެމުންދާ ކަމަށް އިޤްތިޞާދީ ދަތުރުފަތުރާއި ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ފިޗީ އިންޑިއާއިން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އިސްކަންދޭ ކަންކަން ކުރިއެރުވުމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތައް އެއްތަންވި ސެޝަނެކެވެ.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ ރާއްޖެއަށް މުހިންމު ގުޅުމެއް ކަމަށާއި، މިއީ ވިޔަފާރީގެ ގުޅުންތަކުގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގާތްކަމުގެ މައްޗަށް ބިނާވެ، ޖީލުތަކަކަށް ދެމިގެންގޮސްފައިވާ ބަދަހި ގުޅުމެއް ކަމަށެވެ. މި ބައްދަލުވުން ބޭއްވިގެންދަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ފުޅާކޮށް، އައު ބައިވެރިން ހޯދުމަށާއި މިހާރު ހުރި ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއިން އިސްކަންދޭ ދަނޑިވަޅެއްގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
Minister @em_saeed delivered a special address at a @ficci_india roundtable discussion, underscoring opportunities to deepen India–Maldives economic engagement and enhance private sector collaboration. The session brought together key stakeholders to exchange views on advancing… pic.twitter.com/pTvLB516m0
— Ministry of Economic Development,Transport & Trade (@MoEDmv) July 9, 2026
ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ލީޑަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުންތަކަކީވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި، ދެ ޤައުމުގެ ސަރުކާރުން ކުރެއްވި މަތީ ފަންތީގެ މަޝްވަރާތަކަށް މިހާރު އަމަލީ ގޮތުން ކުރިއެރުން ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
"މި ދިރުން ވަނީ ދިއްލީ، ބެންގަލޫރު އަދި މުމްބާއީގައި ބޭއްވުނު ބިޒްނަސް ފޯރަމްތަކުންވެސް ފެނިގެން ގޮސްފަ. މި ފޯރަމްތަކުގެ ސަބަބުން ދެ ޤައުމުގެ ސިނާޢީ އިސްވެރިން އެއްތަންވެ، ބައިވެރިވުމުގެ އައު މަގުތައް ވަނީ ހުޅުވިފަ. ވިޔަފާރިއަކީ މީގެ ރަނގަޅު މިސާލެއް. 'ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ'ގެ މަޝްވަރާތައް މިހާރު ވަނީ ނިމިފަ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް މިހާރު ވަނީ ފެށިފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މިހުރިހާ ކަމަކީވެސް އިޤްތިޞާދީ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުން އޮތް ސާބިތު އަޒުމް ހާމަކޮށްދޭ ކަމެކެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުވުމުން، އިންޑިއާއާއި ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރީގެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަން ފާހަގަކުރައްވާ، މީގެ ސަބަބުން މުދަލާއި ޚިދުމަތުގެ ވިޔަފާރީގެ އައު ބާޒާރަށް ވަނުމުގެ ފުރުޞަތު ލިބި، މުސްތަޤުބަލަށް އަމާޒުކޮށް އިންވެސްޓްމަންޓްތައް ރޭވުމަށް ހަރުދަނާ ބިންގަލެއް އެޅިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިގުތިޞާދީ ވަޒީރު ވިދާޅުވީ، ރާއްޖެއަށް ޔޫޕީއައި އަދި ރޫޕޭ ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ދެ ޤައުމުގެ ފައިސާއިން ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމާ ބެހޭގޮތުން މިހާރުވެސް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. މިކަންކަން ހަމަޖެހުމުން، ބޯޑަރު ހުރަސްކޮށް ކުރެވޭ ފައިސާގެ މުޢާމަލާތްތަކުގެ ޚަރަދު ކުޑަވެ، ދަތިތައް މަދުވެ، ކުރިއަރަމުންދާ އިޤްތިޞާދީ ގުޅުން ގުޅުވައިދޭ މާލީ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންނަށް ބާޒާރަށް ވަނުމަށް މަގުފަހިކޮށްދިނުމަށާއި، ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށްޓަކައި ގަވާއިދުތަކާއި އުސޫލުތަކަށް އިސްލާހުތައް ގެންނަމުންދާ ކަމަށެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ އިތުރުން ޓެކްނޮލޮޖީއާއި އެހެނިހެން އައު ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ފޮރިން އިންވެސްޓްމަންޓް ސިޔާސަތު ހާއްސަގޮތެއްގައި އަމާޒުކުރެވިފައިވަނީ އައު އަދި އަގު އެއްކުރެވޭނެ ހަރަކާތްތަކަށް. އެއީ، އާންމުކޮށް އިންވެސްޓްމަންޓްތައް ބަލައިގަންނަ ދާއިރާތަކުގެ އިތުރުން، ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ ސިންދަފާތުކުރުމަށާއި، ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ދާއިރާތަކުގެ ގާބިލުކަން އިތުރުކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ފޯރުކޮށްދިނުމުގައި އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޤައުމީ އިޤްތިޞާދީ އެޖެންޑާ ކުރިއެރުވުމުގައި އަމިއްލަ ދާއިރާގެ ބައިވެރިވުމަށް ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދޭނެކަމުގެ ޔަޤީންކަންވެސް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ދެއްވިއެވެ.