ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެކި ސަބަބުތަކާހެދި މިހާތަނަށް ލިޔުން ހާވާލު ނުކުރެވި ވަނީ 1755 ފަރާތަކަށްކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހެ ވުޒަރާއިން ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ގުޅިފަޅުން ދޫކޮށްފައިވާ ބިންތަކުގެ ރަޖިސްޓްރީ އާއި ލިޔެކިޔުންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 3548 ގޯތީގެ ތެރެއިން 3043 ގޯޗަށް ރަޖިސްޓްރީ އަދި އެއްބަސްވުން ހަވާލުކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް 1793 ގޯތީގެ ބިން ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް 1755 މީހަކަށް ލިޔުން ހަވާލުނުކޮށް އެބައޮތްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އެ މީހުންނަށް ލިޔުން ހަވާލުނުކުރެވި ވަނީ އެމީހުންނަށް ލިބިފައިވާ ބިންތައް ހިމެނޭ ސަރަހައްދަކީ މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ނުވަތަ ލޭންޑް ލޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ރަޖިސްޓްރީއާ ހަވާލުނުވެ ތިބި މީހުންނެވެ.
ގުޅިފަޅުން ގޯތި ލިބިފައިވާ މީހުން އައު ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ދީފައިވެއެވެ. އޭރު އެފުރުޞަތު ދިނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދެން ޖެހޭ ގޮތަށެވެ. އަދި ބިމާއި ލިޔުން ދޫކުރަމުން އައީ ގުޅިފަޅަށް ގޮސް ބިން ވެރިފަރާތަށް ދެއްކުމަށް ފަހު ބިން އޮތް ސަރަހައްދުގަ ތިބެގެންނެވެ. ނަމަވެސް މިހާރު ވަނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށާފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިލިޔުން ޑައުންލޯޑް ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ އެމަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރެއްގެ މަތިންވަނީ ބަދަލުގެނެސްފައެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެގޮތުން ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ޚާއްސަ ސަރަޙައްދުތައް ކަނޑައަޅާފައިވެއެވެ. މީގެއިތުރުން، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށްވެސް ޕްލޭންގައި ކަނޑައަޅާފައިވެއެވެ.