ޚަބަރު

އެމެރިކާ ސިފައިން މަރުވުމުން ބަދަލުހިފަން އީރާނަށް ވަރުގަދަ ހަމަލާތަކެއް


  • މިއީ އެމެރިކާއިން ޖެހިޖެހިގެން އީރާނަށް ހަމަލާ ދިން އަށްވަނަ ދުވަސް

  • އީރާނުގެ ހަމަލާތައް ކުވައިތު، ބަޙްރައިން، ޢިރާޤު، އުރުދުން އަދި ސަޢޫދީ ޢަރަބިއްޔާއަށް

އީރާނުން ދިން ވަރުގަދަ ޙަމަލާތަކެއްގައި އުރުދުންގައި ތިބޭ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ތެރެއިން ދެ މީހުން މަރުވުމާ ގުޅިގެން އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ. މިއީ، އެމެރިކާއިން ޖެހިޖެހިގެން އީރާނަށް ހަމަލާ ދީފައިވާ އަށްވަނަ ދުވަހެވެ. ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ސޮއިކޮށްފައިވާ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އުވިފައިވާއިރު، މިހާރު ބަދަލު ކުރަމުންދާ ޙަމަލާތައް ވަނީ ނުރައްކާތެރި މިންވަރަކަށް ވަރުގަދަވެފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އެންމެ ފަހުގެ ހަމަލާތައް ކުރިއަށް ގެންގޮސްފައި ވަނީ ސީދާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން ކަމުގައެވެ. އަދި، އުރުދުނުން މަރުވި އެމެރިކާ ސިފައިންގެ ދެ މީހުންގެ ބަދަލުހިފުމުގެ އިތުރުން ހަމަލާތަކުގެ އަމާޒަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް އައިއާރްޖީސީން ކުރިމަތި ކުރަމުންދާ ނުރައްކާ ނައްތައިލުން ކަމުގައެވެ. އުރުދުނަށް އީރާނުން ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ތިންވަނަ މީހަކު ގެއްލިފައިވާ ކަމުގައި ވެސް އެމެރިކާގެ މަޞްދަރުތަކުން ބުނެއެވެ. އެމެރިކާގެ ހަމަލާތަކުގައި ހޮރްމުޒްގާންގައި ހުންނަ އަސްކަރީ މަރުކަޒުގެ އިތުރުން ވައިގެ ދިފާޢީ ވަސީލަތްތަކާއި، މަދަނީ ބިނާރުގެ ތެރެއިން ބުރިޖުތަކާއި ޓަނަލްތަކަށް ގެއްލުންވެފައިވާއިރު، އެންމެ ފަހުގެ ހަމަލާތަކުގައި ތިން މީހުން ޝަހީދުކޮށްލައި އިތުރު އަށް މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ބަދަލުގައި އީރާނުން ވަނީ ކުވައިތުގެ ކޭމްޕް ޢަރްފިޖާންއާއި ޢަލީ އަލް-ސާލިމް އަސްކަރީ ވައިގެ ބަނދަރުގެ ރާޑަރު ނިޒާމަށް ހަމަލާދީ، ތެޔޮ ކާރުޚާނާތަކަށް ވެސް ހަމަލާތައް އަމާޒުކޮށްފައެވެ. އެ ހަމަލާތަކުގައި ޢާންމުންގެ ބަޔަކަށް އަނިޔާވި ކަމުގައި ކުވައިތުގެ މަޞްދަރުތަކުން ބުނެއެވެ. މީގެ އިތުރުން، ބަޙްރައިންގެ ޝައިޚް ޢީސާ އަސްކަރީ ވައިގެ ބަނދަރާއި، އުރުދުންގެ އަލް-އަޒްރަޤު އަސްކަރީ ވައިގެ ބަނދަރަށް ދިން ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަކަށް ގެއްލުންވިއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ އަލް-ޚަރްޖަށް ވެސް އީރާނުން ވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. ޢިރާޤުގައި ކުުރުދީން އުޅޭ ސަރަޙައްދުތަކަށް ވެސް އީރާނުން ހަމަލާތައް އަމާޒުކުރިއެވެ.

އެމެރިކާއިން މިހާރު ހިންގަމުންދާ ޖަރީމާތަކާ ގުޅޭގޮތުން އީރާންގެ އިސް މުރުޝިދު އާޔަތުالله ސައްޔިދު މުޖުތަބާ ޙުސައިނީ ޚާމަނާއީ ވިދާޅުވީ، ވޮޝިންގޓަނުގެ އަގު ވެއްޓިފައިވާ ކަމަށާއި، ބަހުގައި އެއްވެސް އިތުބާރެއް ނެތް ކަމުގައެވެ. ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތަކުގައި އީރާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 50 އަށް އުފުލިފައެވެ. އަދި، އިތުރު 500 އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. މެދުއިރުމަތީގެ މަސްރަޙު އަލުން ނުތަނަވަސްވެގެން ދިޔުމާއެކު ގަލްފް ކޯޕަރޭޝަން ކައުންސިލާއި (ޖީސީސީ) ވިލާތުގެ އިއްތިޙާދުން (އީޔޫ) ވަނީ މި ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ހުރްމުޒް އަލުން ބަންދުކުރުން ކުށްވެރިކޮށް، ޙަމަލާތައް މެދުކަނޑައިލުމަށް ގޮވައިލާފައެވެ.