މި އަހަރު ނިމުމުގެ ކުރިން ޣައްޒާގެ އާބާދީގެ ތިންބައި ކުޅަ އެއްބައި މީހުންނަކީ ނުރައްކާތެރި މިންވަރަކަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންދާ ބަޔަކަށް ވުން އެކަށީގެންވާ ކަމަށް ދުނިޔޭގައި ބަނޑުހައިހޫނުކަން އޮތް މިންވަރު ދިރާސާކުރާ ބައިނަލްއަޤްވާމީ އިދާރާއަކުން ލަފާކޮށްފިއެވެ.
އިންޓަގްރެޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)އިން އެންމެ ފަހުން ކުރި ދިރާސާއިން ދައްކާ ގޮތުގައި 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޙަމަާސްއާއި ޔަހޫދީން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވުމާއެކު ޣައްޒާގައި ކާޑުބަލި ޖެހިފައިވާ މީހުންގެ ޢަދަދު، ޚާއްޞަކޮށް ކާޑުބަލިޖެހިފައިވާ ކުޑަކުދިންގެ ޢަދަދު، ވަނީ ދަށަށް ގޮސްފައެވެ. އޭގެ މައިގަނޑު ސަބަބެއް ކަމުގައި އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައި ވަނީ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން ކާބޯތަކެތި ލިބޭ މިންވަރު ކޮންމެވެސް މިންވަރަކަށް އިތުރުވުމެވެ.
ނަމަވެސް ކުރިން ހޯދުނު ކުރިއެރުންތައް މިހާރު ހުއްޓި، އަލުން ޙާލަތު ގޯސްވަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން މިހާރު ދަނީ ބުނަމުންނެވެ. ޣައްޒާގެ ގިނަ ރައްޔިތުން ކާބޯތަކެތި ހޯދުމަށް ބަރޯސާ ވަނީ އެހީދޭ ޖަމްޢިއްޔާތަކުގެ މައްޗަށެވެ. ގިނަ ޢާއިލާތަކަށް ލިބޭ ކާބޯތަކެތީގެ މިންވަރު އަދިވެސް އެ ޢާއިލާތަކަށް ނުފުދޭ ކަމަށާއި، ބައެއް ގޭބިސީތަކުން ކާބޯތަކެއްޗަށް ސަލާންޖަހަމުންދާއިރު، އަނެއްބައި ގޭބިސީތަކުން ކާބޯތަކެތި ހޯދުމަށް ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާގައި އަތްފުނާއަޅަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
މި އަހަރުގެ އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޣައްޒާގެ 1.2 މިލިޔަނަށްވުރެ ގިނަ މީހުން ޞިއްޙަތަށް ނުރައްކާވާ މިންވަރަށް ބަނޑުހައިހޫނު ކަން ތަޙައްމަލް ކުރަމުންދާ ކަމަށް ދިރާސާއަށް ވަނީ ފާހަގަވެފައެވެ. އެއީ ޣައްޒާގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 59 އިންސައްތަ މީހުންނެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތަކީ ބަނޑުހައިހޫނު ކަމުގެ ކާރިޘާއެއްގެ ގޮތުގައި އައިޕީސީއިން ސިފަކުރެއެވެ. ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންދާ މީހުންގެ ތެރެއިން 212،000 މީހުންނަކީ ކުއްލި ޙާލަތުގައި ތިބި މީހުން ކަމަށް އައިޕީސީއިން ބުނެއެވެ.
މި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ދާއިރު އެ ޢަދަދު 1.2 މިލިޔަނުން 1.4 މިލިޔަނަށް އިތުރުވާނެ ކަމަށް އައިޕީސީއިން ޤަބޫލުކުރެއެވެ. އެއީ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް 67 އިންސައްތައެވެ.
ޣައްޒާގައި ޢާންމުުވެގެންވާ ބަލިމަޑުކަމެއް ފެތުރެމުންދާ ކަމަށް އައިޕީސީއިން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބުނި ނަމަވެސް ކުރިން އޮތް ޙާލަތު ރަނގަޅުވަމުންދާ ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބުނެފައިވެއެވެ. ނަމަވެސް އެ ޖަމްޢިއްޔާއިން މިހާރު ބުނަނީ އޭރު ލިބުނު ކުރިއެރުން ގެއްލުމުގެ ފުރުޞަތު އަނެއްކާ ވެސް އޮތް ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ މިންވަރަށް މިހާރު އެހީދޭ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްނުދެވޭ ކަމަށް އައިޕީސީއިން ފާހަގަކުރެއެވެ.
އެ ގޮތުން މާބަނޑު މީހުންނަށާއި ގާތުންދޭ މައިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދަމުން ދިޔަ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރުގުރާމެއްގެ ދަށުން ކާބޯތަކެތި ފޯރުކޮށްދޭ މީހުންގެ ޢަދަދު މި އަހަރުގެ ޖަނަވަރީ މަހާއި މެއި މަހާ ދެމެދު ވަނީ ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ. މީގެ ކުރިން 12،000 މީހުންނަށް ފޯރުކޮށްދެމުން ދިޔަ ޚިދުމަތް އެ މުއްދަތުގައި ފޯރުކޮށްދެވިފައި ވަނީ އެންމެ 6،000 މީހުންނަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެހީދޭ ޕްރޮގުރާމުތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ ޢަދަދު، ޖަމްޢިއްޔާތަކަށް ފައިސާ ލިބުމުގައި ހުރި ދަތިތަކާއި، ޖަމްއިއްޔާތަކަށް އެހީތެރިވުމަށް ފުރުޞަތު ނުލިބުމުގެ ސަބަބުން އިތުރަށް މަދުވާނެ ކަމަށް ބެލެވެއެވެ.