ކުޅިވަރު

ޤައުމީ އަންހެން ވޮލީ ޓީމު ސަސްޕެންޝަނަކަށް


  • ފަރިތަކުރުންތަކުގައި ދެން ބައިވެރިވެވޭނީ ވީއޭއެމްގެ ކިބައިން މާފަށް އެދުމުން

  • ގައުމީ ޓީމުގެ ކުޅުންތެރިން ސަސްޕެންޑް ކުރީ ފަރިތަކުރުންތަކަށް ނުނިތުމުން ކަމަށް ބުނެ

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ގައުމީ އަންހެން ވޮލީބޯޅަ ޓީމު ސަސްޕެންޑް ކޮށްފިއެވެ.

ވީއޭއެމް އިން ގައުމީ ޓީމު، ނުސީދާކޮށް ސަސްޕެންޑް ކޮށްފައިވަނީ ކުޅުންތެރިން ފަރިތަކުރުންތަކަށް ފަރުވާ ކުޑަކުރަނީ ކަމަށް ބުނެއެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް ފަރިތަކުރުންތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިވެފައިނުވާ ކަމަށެވެ. މި މެއިލްގައި ވީއޭއެމް އިން ވަނީ މީގެ ފަހުން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ކުޅުންތެރިންނަށް ބައިވެރިވެވޭނީ ވީއޭއެމްގެ ކިބައިން މާފަށް އެދުމުން ކަމަށް ވެސް އަންގައިފައެވެ.

މިކަމާ ގުޅިގެން "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދެއްކި މައުލޫމާތު އެނގޭ ފަރާތަކުން ބުނީ، ގައުމީ ޓީމުގެ ކުޅުންތެރިންނަށް އޮފީސްތަކުން ކަނޑައަޅާފައިވާ ރިލީޒް މި މަހުގެ 16 ވަނަ ދުވަހަށް ހަމަވާ ކަމަށެވެ. އެހެންވެ.

މި މަހުގެ 15 ވަނަ ދުވަހު ކުޅުންތެރިން އަށް އަރާމު ކުރުމާއި، އޮފީހަށް ދިޔުމަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކުޅުންތެރިން އަށް އެއް ދުވަސް ދިނުމަށް ކުޅުންތެރިންގެ ފަރާތުން އެދިފައިވާ ކަމަށެވެ. އެކަމަކު އެ ފުރުސަތު ވީއޭއެމް އިން ދީފައި ނުވާ ކަމަށާއި، އެހެންވެ އެ ދުވަހު ކުޅުންތެރިން ފަރިތަކުރުންތަކަށް ނިކުމެފައި ނުވާ ކަމަށެވެ.

ވީއޭއެމް އިން ގައުމީ އަންހެން ޓީމަށް ފިޔަވަޅުއެޅިއިރު، މި ފަހުން ވީއޭއެމް އިން އަންނަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޑިސިޕްލިނަރީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން މިދިޔަ އަހަރު ވަނީ ޒުވާން ތަރި ޝަމާއިލް ހުސެއިން އަށް ވެސް ފިޔަވަޅު އަޅާފައެވެ. އެ ފަހަރު ޝަމާއިލް އަށް ފިޔަވަޅުއެޅީ، ވީއޭއެމްގެ ހުއްދަ ނެތި ލ. އަތޮޅުގައި ކުރިއަށްދިޔަ މުބާރާތެއްގައި ކުޅެފައިވާތީއެވެ.

މީގެ އިތުރުން ގައުމީ ފިރިހެން ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއްވެސް ވީއޭއެމް އިން ވަނީ މި ފަހުން ގެނަސްފައެވެ. އެގޮތުން ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ސްކޮޑުން ބާކީކޮށް ސްކޮޑް ޒުވާން ކޮށްފައިވެއެވެ.