ކުޅިވަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު ކޮމަންވެލްތް ގޭމްސް ފަށައިފި


  • މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ދެ ކުޅިވަރަކުން

  • ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލީ އާން އަދި ކިންގްސް ބެޓަން އުފުލާލީ މެރާލް

ކުލަގަދަ ރަސްމިއްޔާތަކާއެކު ސްކޮޓްލަންޑްގެ ގްލާސްގޯގައި ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކޮމަންވެލްތް ގޭމްސްއަކީ ކޮމަންވެލްތްގެ 53 މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ގޭމްސްގައި މުޅިއަކު. 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނައިރު، 4000 އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮމަންވެލްތް ގޭމްސްގައި ބައިވެރިވެފައިވަނީ 1986 ވަނަ އަހަރުގައެވެ. އެކަމަކު 2016 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތުން ވަކިވާން ނިންމުމާއެކު އެ ފަހަރުގެ ގޭމްސްގެ ފުރުސަތު ރާއްޖެއަށް ވަނީ ގެއްލިފަ އެވެ. އެކަމަކު އަލުން 2019 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތާ ގުޅިފައިވާއިރު، އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.

މި ފަހަރުގެ ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ ދެ ކުޅިވަރުންނެވެ. އެއީ ސްވިމިންގް އަދި އެތުލެޓިކްސްއެވެ.

ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލީ ސްވިމިންގް ތަރި މުހައްމަދު އާން ހުސެއިންއެވެ. އަދި ހުޅުވުމުގެ ރަސްމިއްޔާތުގައި ކިންގްސް ބެޓަން އުފުލާލީ ޒުވާން ފެތުންތެރިޔާ މެރާލް އައިން ލަތީފްއެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ ސްވިމިންގް ޓީމުގެ ފެތުންތެރިންނަކީ، އާން، މެރާލް، އަމްނާ ތަޒްކިޔާ މިރުޝާދު، މުހައްމަދު ރިހާން ޝިޔާދު އަދި ލޫތު މުހައްމަދު ހުސެއިންއެވެ. މީގެ ތެރެއިން އާން އާއި ރިހާން ވަނީ 2022 ވަނަ އަހަރު ކުރިއަށްދިޔަ ކޮމަންވެލްތް ގޭމްސްގައި ވާދަކޮށްފަ އެވެ.

ސްވިމިންގް އިތުރުން މި މުބާރާތުގައި ދެން ވާދަކުރާނީ އެތުލެޓިކްސް އެވެ. މި ފަހަރުގެ މުބާރާތުގައި އެތުލެޓިކްސް ޓީމުން ވާދަކުރާ އެތުލީޓުންނަކީ، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު، ހުސެއިން ޒީކް ސުއާދު، އާދަމް ރިއްފަތު، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަހުމަދު، އައިޝަތު ޝަބާ ސަލީމް އަދި އާމިނަތު ލަޔާނާ މުހައްމަދު އެވެ.