ހުސްވި ޖުލައި މަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޖަރީމާތަކުގައި 152 މީހުން ޝަހީދު ކޮށްލާފައިވާ ކަން އެ ސަހަރުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ، މި އަހަރުގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ މަހެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7 ގައެވެ. އެމެރިކާއިން ވަނީ އެ ކަމުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޖުލައި މަހު ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 21 ކުޑަކުދިންނާއި، 14 އަންހެނުންގެ އިތުރުން ހަތަރު އުމޫރުން ހިމެނޭ ކަމުގައެވެ. މެދުކެނޑުމެއް ނެތި ދެމުންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް އޮތް ނުރައްކާތެރިކަން މި ޢަދަދުތަކުން ހާމަވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.
ޣައްޒާގެ ޤައުލުޢާންމު ހުއްޓައިލުމަށް 2025 އޮކްޓޫބަރު 10 ގައި ޔަހޫދީން އެއްބަސްވި ނަމަވެސް، ޔަހޫދީ ފައުޖުން ދަނީ އެ އެއްބަސްވުމާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. އެ ސަހަރުގެ %65 ބިން މިހާރު އޮތީ ނިރުބަވެރި ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައެވެ. ޤަތުލުޢާންމު ހުއްޓައިލުމަށް އެއްބަސްވި ފަހުން ޔަހޫދީ ސިފައިން ދީފައިވާ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,222 އަށް އަރައެވެ. އަދި، އިތުރު 4,053 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ޤަތުލުޢާންމު ފެށި ފަހުން ޣައްޒާއިން ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 73,349 އަށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 174,162 އަށް އުފުލިފައެވެ. ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ދެ މިލިޔަނެއްހާ މީހުންގެ ފުރާނައަށް ނުރައްކާ ކުރުމުގެ އިތުރުން، އެ މީހުންގެ ގެދޮރާއި އެ ސަހަރުގެ ބިނާރާއި އުމްރާނީ ވަސީލަތްތައް ވެސް ޔަހޫދީ ސިފައިން ވަނީ ސުންނާފަތި ކޮށްލާފައެވެ. މި ގޮތުން، ޣައްޒާގެ ބިނާރާއި އުމްރާނީ ވަސީލަތްތަކުގެ %90 ހަލާކު ކޮށްލާފައިވާ ކަމުގައި އެ ސަހަރުގެ އިދާރާތަކުން ހާމަކުރެއެވެ. ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް އެކުވެރި ދައުލަތްތަކުން (އދ) އަންދާޒާ ކުރެއެވެ.