ޚަބަރު

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ބުނެދޭ ވާހަކަ ވައު ރައީސް ހުޅުއްވައިދެއްވައިފި


  • މިތަން ހަދާފައިވަނީ އުތީމު ކަނދުވަލު މިސްކިތް ސަޙައްދުގައި

  • ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު މިތަނުން އިޙްސާސްކޮށްދޭނެ

  • ގުދުރަތީ، ސަގާފީ އަދި ތާރީޚީ ތަޖުރިބާއެއް އެއްތަނަކުން

ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލު، ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަން ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ވާހަކަ ވައު ތަރައްޤީކޮށްފައިވަނީ އުތީމު ކަނދުވަލު މިސްކިތް ސަރަޙައްދުގައެވެ. މި ތާރީޚީ ބިނާއާ އިންވެގެން އޮތް ޤުދުރަތީ ވަލުތެރޭގައި ހަދާފައިވާ މިތަނަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި، އެ ތާރީޚީ ޖިހާދު އިޙްސާސްކޮށްދޭ ތަނެކެވެ.

މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނާނެއެވެ. މި މަގުގެ ކޮންމެ ހިސާބެއްގައިވެސް ތާރީޚީ ވާހަކަތައް ހިމެނޭ ޖުމްލަ 14 ބޯޑެއް ވަނީ ބަހައްޓާފައެވެ.

މި ބޯޑުތަކުގެ އެހީގައި 1558 ގައި ޕޯޗުގީޒުން މާލެ އިސްތިޢުމާރު ކުރި ހިސާބުން ފެށިގެން، ބާރަށުގައި ކަޅުއޮއްފުންމި ބެންނެވުމާއި، 1573 ގައި ލިބުނު ފަޚުރުވެރި ނަޞްރާ ހަމައަށް ހިނގާދިޔަ މުހިންމު ކަންކަމުގެ މަޢުލޫމާތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. މިއީ ފަންނުވެރިކަމާއި، ޤުދުރަތީ ރީތިކަމާއި ތާރީޚު އެއްތަނަކުން ތަޖުރިބާކޮށްލަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތާއެކު ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

"ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު"ގެ ދަށުން އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ޤައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. ކަނދުވަލު މިސްކިތްފަދަ ތާރީޚީ ބިނާތަކާއެކު "ވާހަކަ ވައު" ފަދަ މާހައުލަކުން މި މުހިންމު މަޢުލޫމާތުތައް ލިބިގެންދިއުމަކީ ވަރަށް އާދަޔާ ޚިލާފު ތަޖުރިބާއަކަށްވާނެކަމަށް ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުގެ މިފަދަ އިސްނެންގެވުންތަކުގެ އެންމެ މުހިންމު އެއް މަޤުޞަދަކީ، އާސާރީ ބިނާތައް ރައްކާތެރިކުރުމާއި ތާރީޚީ ވާހަކަތައް ޚާއްޞަކޮށް ޒުވާން ޖީލު ޝަޢުގުވެރިކުރުމުގެ އިތުރުން ރަށަށް އަންނަ ފަތުރުވެރިންނަށް ފުރިހަމަ ސަގާފީ އަދި ތާރީޚީ ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު ހުޅުވާލުންކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކަނދުވަލު މިސްކިތް ހިމެނޭ ސަރަޙައްދުގައި "ވާހަކަ ވައު" ތަރައްޤީކުރުމުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަތުރުވެރިންގެ މެދުގައި އުތީމަށް އޮތް ޝައުގުވެރިކަން އިތުރުވެ، ރަށުގެ ރައްޔިތުންނަށް އިޤްތިޞާދީ ފުރުޞަތުތައް ފަހިވެގެންދާނެކަމަށެވެ.

މިފަދަ ތަންތަނުގެ ސަބަބުން ފަތުރުވެރިން ރަށުގައި މަޑުކުރާ ވަގުތު އިތުރުވެ، ރަށުގެ ގެސްޓްހައުސްތަކާއި ކެފޭތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނަށް އޮންނަ ޑިމާންޑް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވާނެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުވުމުން، ރަށުގެ ގައިޑުންނާއި ތާރީޚީ ވާހަކަ ކިޔައިދޭ ފަރާތްތަކާއި ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަގާފީ މަސައްކަތްތެރިންނަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްވެގެންދާނެކަމަށް ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.