ޚަބަރު

އެންޑީއޭގެ މަސައްކަތްތަކުގައި އޭއައި ބޭނުންކުރަން ފަށަނީ


  • ޔުނާން ޔުނިވަރސިޓީއާއެކު އެއްބަސްވުމެއް ވަނީ ޤާއިމްކޮށްފައި

  • އެންޑީއޭގެ މުވައްޒަފުންނަށް ކަމާއި ގުޅުން ތަމްރީން ދޭނެ

ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތަކާއި ފަރުވާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް، އޭއައި އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންޑީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ. މި ފަހުމުނާމާގެ ސަބަބުން ‏މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް މިހާރު ދެމުންދާ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށް އޭއައި އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެއެވެ.

މި އެއްބަސްވުމުގެ ދަށުން އޭއައި ބޭނުންކޮށްގެން ހައްލުތައް ހޯދުމާއި، ދިރާސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީނު ދިނުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެންޑީއޭއިން ވިދާޅުވެއެވެ. މި މަޝްރޫއުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ފަސީޙް ވިދާޅުވީ އޭއައި ބޭނުންކުރަން ފެށުމުން އެންޑީއޭގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. މިހާރު ފަރުވާ ހޯދާ މީހުންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުމަށް މިހާރު ވަރަށް ގިނަ ދުވަސް ހޭދަވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭއައި ބޭނުންކޮށްގެން ޚިދމަތްދޭން ފެށުމުން އެސެސްމެންޓުގެ ނަތީޖާއަށް މަޑުކުރަން ނުޖެހި، ފަރުވާދިނުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ނަފްސާނީ ފަރުވާދިނުމަށް ފޯރުކޮށްދޭ ޚިދުމަތްތައް 24 ގަޑިއިރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގޮންޖެހުން ފޯރުކޮށްދިނުމުގައި އެބަހުރި. އޭއައި ބޭނުންކުރަން ފެށުމުން ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެގެންވެސް ޚިދުމަތް ފޯރުކޮށްދޭން މަގުފަހިވެގެންދާނެ." ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީޙް ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާނީ، ޔުނާން ޔުނިވަރސިޓީގެ ސްކޫލް އޮފް ސޮފްޓްވެއާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އާއި އެންޑީއޭ ގުޅިގެންނެވެ.
އެ ސްކޫލުން އެކުލަވާލާފައިވާ އޭއައި އެޕްލިކޭޝަނަކީ ނަފްސާނީ ސިއްޚަތާއި ގުޅުން ހުރި ފަރުވާ ދިނުމުގައި ވަރަށް ބޭނުންތެރި އާލާތެއްކަމަށެވެ. ނަމަވެސް އެ އެޕްލިކޭޝަން ބައްޓަންކޮށްފައިވަނީ ޗައިނާގެ މާހައުލަށް ފެތޭ ގޮތަށް ކަމަށްވުމާއެކު އެންމެ ފުރަތަމަ ރާއްޖެއިން ކުރާނެކަމަކީ އެ އެޕްލިކޭޝަން ރާއްޖޭގެ މާހައުލަށް ފެއްތުންކަމަށް ފަސީޙް ވިދާޅުވިއެވެ. މީގެއިތުރުން އެ މަސައްކަތްކުރުމަށް ޤާނޫނީގޮތުން ފުރިހަމަ ކުރަން ޖެހޭކަންކަން ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން ކުރިއަށްގެންދަނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ކުރިއަށް ދިޔަ މަސައްކަތަކީ އެ ބޭފުޅުންގެ މަސައްކަތް އަޅުގަންޑުމެންނަށް ދައްކާލުން. އަދި މަސައްކަތް ކުރިއަށްގެންދާނެ ގޮތާއި މެދު ވާހަކަދެއްކުނު." ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީޙް ވިދާޅުވިއެވެ.

އޭއައި ބޭނުންކޮށްގެން އެންޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެންޑީއޭގެ ކަމާއި ގުޅުން ހުރި މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްކުރިއަށްދާނެކަމަށްވެސް ފަސީޙް ވިދާޅުވިއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.