މުސާރަ ޑޮލަރުން ދިންނަމަވެސް ޕެންޝަން ފައިސާ ޖަމާވާނީ، ދިވެހި ރުފިޔާއިން ކަމަށް ޕެންޝަން އޮފީހުން ހާމަކުރައްވައިފިއެވެ. ޕެންޝަން އޮފީހުން މިކަން ހާމަކޮށްފައިވަނީ، ބައެއް ފަރާތްތަކުން ޕެންޝަން ފައިސާ ދައްކަނީ ޑޮލަރުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ޕެންޝަން އޮފީހުން ވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަސް ސްކީމަކީ ދިވެހި ރުފިޔާއިން ހިންގާ ސްކީމެއްކަން ފާހަގަކުރައްވާފައެވެ. ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ ފަރާތެއްވެސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް އެފައިސާ ޖަމާކުރަން ލާޒިމް ކުރެއެވެ. މި ޤާނޫނުގެ ދަށުން ފާސްކޮށްފައިވާ ގަވާއިދާ އެއްގޮތަށް، ވަޒީފާ އަދާކުރާ ފަރާތުގެ އަސާސީ މުސާރައިގެ މަދުވެގެން 7 އިންސައްތަ ވަޒީފާ އަދާކުރާ ފަރާތުން، އަދި މަދުވެގެން 7 އިންސައްތަ ވަޒީފާ ދޭ ފަރާތުން، ކޮންމެ މަހަކުވެސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރަން ޖެހެއެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ މުސާރައިގެ ގޮތުގައި ބޭރުފައިސާ ނުވަތަ ޑޮލަރުން ދިން ނަމަވެސް ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާނީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި ބޭރު ފައިސާއިން މުސާރަ ލިބޭނަމަ ޕެންޝަނަށް ޖަމާކުރާ ފައިސާ ހިސާބުކުރާނީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް ފަހުއެވެ.
މިގޮތުން ޕެންޝަން އިންވެސްޓްކޮށްގެން ލިބޭ ފައިދާ އަދި ރިޓަޔަރވުމުން ޕެންޝަންގެ ގޮތުގައި ދޫކުރާ ފައިސާ ރެކޯޑު ކުރުމާއި ދޫކުރުންވެސް ކުރިއަށްދާނީ ދިވެހި ރުފިޔާއިން ކަމަށް ޕެންޝަން އޮފީހުން ވިދާޅުވިއެވެ. މިއީ މިހާރު ފެންމަތިވެފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭރު ފައިސާއާ ގުޅޭ އުސޫލުތަކާ ގުޅުމެއް ނެތް، އަދި އެއުސޫލުތަކުގެ ސަބަބުން އަލަށް ގެނައި ބަދަލެއް ނޫންކަން ޕެންޝަން އޮފީހުންވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގައި މިވަގުތު ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައިން މަތީގައި ކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރައްވައެވެ. މީގެ ތެރޭގައި ބޭރުފައިސާއިން މުސާރަ ދިނުމާއި، އެކި ބާވަތުގެ މުޢަމަލާތްތައް ކުރުމަށް ބޭރުފައިސާ ދަނީ ބޭނުން ކުރަމުންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އަމާޒަކީ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރުމަށް 2030 ވަނަ އަހަރު އަންނަންވާއިރު ދިވެހިރާއްޖޭގައި މުޢާމަލާތްތައް ކުރުމަށް ދިވެހި ރުފިޔާ ބޭނުން ކުރާ ގޮތަށް ބަދަލު ގެނައުމެވެ. މިކަން ކުރުމަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިންވަނީ ވިދާޅުވެފައެވެ.