ޚަބަރު

ދިއްދޫއިން ދިވެހި ލީގާ ކުރިމަތިލާނީ މޫސަގެ އިރުޝާދުގެ ދަށުން


  • ލީގަށް ދިއްދޫ ކޮލިފައިކޮށްދިނީވެސް ކޯޗު މޫސާ

  • ދިއްދޫއިން ވަނީ ޑީޕީއެލް ކޮލިފިކޭޝަނުގެ ތިންވަނަ ހޯދާފައި

  • ދިއްދޫ އަކީ އުތުރުގެ ޗެމްޕިއަނުން

މުޅިން އަލަށް ދިވެހި ލީގުގައި ވާދަކުރާ ދިއްދޫ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުގެ ޒިންމާއާ، އަނެއްކާވެސް މޫސާ އިބްރާޙީމް ހަވާލުވެއްޖެއެވެ.

މިދިޔަ ސީޒަނަށްފަހު ބޭއްވި ރީޖަނަލް ކޮލިފިކޭޝަނާއި ދިވެހި ލީގުގެ ކޮލިފިކޭޝަންގައި ހޯދި ކާމިޔާބީއަށްފަހު މޫސާ ވަނީ ދިއްދޫގެ ކޯޗުކަމުން ދުރަށް ޖެހިލަން ނިންމާފައެވެ.

ދިއްދޫގެ ކޯޗުކަމުން މޫސާ ދުރަށް ޖެހިލިކަން ހާމަކޮށް ދިއްދޫއިން އޭރުކުރި މީސްމީޑިއާ ޕޯސްޓުގައި ވަނީ، މޫސާގެ ޚިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން، އެ ޓީމުގެ ޤާބިލުކަމާއިމެދު އެންމެން ސުވާލު އުފެއްދިއިރުވެސް ޓީމާއިމެދު ގެންގުޅުނު ޔަގީންކަމާއި، ކުޅުންތެރިންނަށް ކުރި އިތުބާރަށް ޓީމުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި ފުރަތަމަ ފަހަރަށް ދިއްދޫއަށް ދިވެހި ފުޓުބޯޅައިގައި ފުރަތަމަ ޑިވިޝަނާ ހަމައަށް އާދެވުނީ ކޯޗު މޫސާ ކުރި ހިތްވަރާއި ދެއްކި ސާބިތުކަމާއި އަޚުލާގުގެ ސަބަބުންކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ދިއްދޫއިން ފުޓުބޯޅައިގައި ކުރާ ކޮންމެ ދަތުރެއްގައިވެސް ކޯޗު މޫސާގެ ނަން އެ ޓީމާއި ގުޅިލައި މެހިފައިވާނެކަމަށް އެ ޓީމުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ދިވެހި ލީގު ފަށަން ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި މޫސާ ކުރި މީސްމީޑިއާ ޕޯސްޓެއްގައި ވަނީ، އަލުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެފައިވާކަން ހާމަކޮށްފައެވެ.

ޕޯސްޓުގައި މޫސާ ބުނީ، ފެށެން ތައްޔާރުވަމުންދާ 2026-2027 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި ދިއްދޫ ސްޕޯޓްސްގެ ހެޑް ކޯޗުކަމުގެ މަގާމާ ހަވާލުވުމުގެ ފުރުސަތު ލިބުމީ ނުހަނު ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ފާއިތުވީ ދުވަސްތަކުގައި އަދި މެދުކެނޑުމެއްނެތި މިހާރުވެސް ދިއްދޫގެ ޓީމާއި، ކުލަބުގެ ވެރިންނާއި ރަށު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ކޯޗު މޫސާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި ފުޓުބޯޅައިގައި ދިއްދޫއަށް މި ފެށުނު އައު ބާބުގައި، ގުޅިގެން، އެކުގައި މަސައްކަތްކޮށް އިތުރު ކުރިއެރުންތަކާއި ކާމިޔާބީ ހޯދަން ގަދައަޅާ މަސައްކަތްކުރާނެ ކަމަށް ކޯޗު މޫސާ ބުނެފައިވެއެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދިޔަ ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައި، މާލޭގައި ކުރިއަށްދިޔަ ދިވެހި ލީގުގައި އެ ޓީމުން ވާދަކުރިއިރު، ޕްރިމިއަރ ލީގުގެ ޖާގައެއް އެ ޓީމުން ކަށަވަރުކުރީ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްލައިގެންނެވެ. މި ފަސް މެޗުން ދިއްދޫއަށް ވަނީ 10 ޕޮއިންޓު ލިބިފައެވެ.

ދިއްދޫގެ ކޯޗު މޫސާ އަކީ ދިވެހި ފުޓުބޯޅައިގައި އަދި ފުޓްސަލްގައި ވެސް ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ފަރާތެކެވެ.