ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ނިމި އެތަނުގެ ހިދުމަތް ދެއްވުމަށް އަންނަ އަހަރު ފަށްޓަވާއިރު، ނޭޝަނަލް ކާޑިއެކް ސެންޓަރުގައި ހިތުގެ ޚާއްޞަ ބަލިތަކަށް ފަރުވާދީ ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެސެންޓަރުން ވިދާޅުވެއްޖެއެވެ.
ނެޝަނަލް ކާޑިއެކް ސެންޓަރުގައި ހިތުގެ ޚާއްޞަ ފަރުވާތައް ދެއްވަން ފެއްޓެވިތާ ހަމަސްދުވަސްވެފައިވާއިރު، މިހާތަނަށް 700 އަށް ވުރެ ގިނަ ޕްރޮސީޖާރތައް ވަނީ ކުރިޔަށް ގެންދަވާފައެވެ.
އެގޮތުން މިމުއްދަތުގެ ތެރޭގައި 13 މީހަކަށް ޕޭސްމޭކަރ ލައްވާ، 454 އެންޖިއޮޕްލާސްޓީ އަދި ،312 އެންޖިއޯގްރާމް ހަދާފައިވެއެވެ. ކާޑިއެކް ސެންޓަރުގެ ޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން ކުރައްވާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި ވަނީ ރޯޓަރ އެބްލޭޝަންގެ ޚިދުމަތް ފަށްޓަވާފައެވެ.
" ރޯޓާ އެބްލޭޝަންއަކީ، ހިތުގެ ނާރުތަކުގައި ކެލްސިއަމް ހަރުލާފައި ހުންނައިރު، ސްޓަންޓް ކުރަން ވަރަށް އުދަނގޫވާނެ. އެހެންވީމައި ބުރުމާއެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން އެކެލްސިއަމް ރިމޫވް ކުރުމަށް ކުރިޔަށްގެންދާ ޕްރޮސެސްއެއް. އެ ސާވިސްއަކީ، މިޞަރަޙައްދުގެ ވަރަށް މަދު ޤައުމެއްގައި މިހާރު ލިބެން ހުރި ޚިދުމަތެއް. އެވެސް އަހަރުމެން މިއިންޓްރޮޑިއުސްކުރީ. ކުރިޔަށް އޮތްތާގައި ހިތުގެ ބަލިތަކާބެހޭ އެހެން ސާވިސްތައް އިންޓްރޮޑިއުސް ކުރަމުންދާނަން 2017 އާއި 2018އިގައި. 25 ބުރީގެ އިމާރާތަށް ޝިފްޓުވާއިރަށް އިރާދަކުރެއްވިއްޔާ ހިތުގެ ހުރިހައި ޚިދްމަތެއް ރާއްޖޭގައި ކުރެވޭ ގޮތައް ނިމިގެންދާނެ." ކޮންސަލްޓެންޓް ކާޑިއޯލޮޖިސްޓް ޑރ. އަލީ ޝަފީޤް ވިދާޅުވިއެވެ.
ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބައިނަލް އަޤްވާމީ މުޖުތަމައުން ސިފަކުރާއިރު، ނެޝަނަލް ކާޑިއެކް ސެންޓަރުން މެޑިކަލް ޓުއަރިޒަމަށް އަމާޒު ހިއްޕަވާ، ޓުއަރިސްޓުންނަށާއި، ބިދޭސީންނަށްވެސް އެސެންޓަރުގެ ދެއްވަމުންގެންދަވާ ހުރިހާ ޚިދްމަތެއް ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް އަންނީ މަސައްކަތްކުރައްވަމުންނެވެ.
ފަތުރުވެރިއަކަށް ހިތުގެ ކަމެއް ކުރިމަތިވެއްޖެނަމަ މީގެ ކުރިން ޖެހެނީ ،އެއަރ އެމްބިއުލާންސް ގެނެސްގެން އެމަޖެންސީ ޙާލަތުގައި ، ރާއްޖެއިން ބޭރަށް ގެންދާށެވެ. މިގޮތަށް ބަލިމީހާ އުފުލުމުގެ ތެރޭގައި ފުރާނަޔަށް ނުރައްކާވާ ފަދަ ގިނަ ޙާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ.
ނާޒުކު ޙާލަތުގައި ހިތުގެ ބަޔަށް ފަރުވާދޭން ޖެހުނު ހަތަރު ފަތުރުވެރިއަކަށް ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި އެސެންޓަރުން ވަނީ ފަރުވާދެއްވާފައެވެ. މީގެ ތެރޭގައި ޔޫރަޕަށް ނިސްބަތްވާ ފަތުރުވެރިންވެސް ހިމެނެއެވެ. ހިތުގެ ފަރުވާދެއްވާ ޓީމުން ދެކިލައްވަނީ މިއީ، އެސެންޓަރަށް އޮތް އިތުބާރު ބޮޑު ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުޞަތެއްގެ ގޮތުގައެވެ.
"އިޓަލީ ބޭފުޅާ ޕޭސްމޭކަރއެއް ލެއްވީ. އެބޭފުޅާ ބޭނުންވީ ބޭރަށް ޓްރެވެލް ކުރަން. އެކަމަކު އިޓަލީ ޑޮކްޓަރުން އިރުޝާދު ދެއްވީ މިތަނުގައި(ނެޝަނަލް ކާޑިއެކް ސެންޓަރ)އެކަންކުރަން. ޓްރެވެލް ކުރުމަށްވުރެ،މިތާ ކުރަން ސޭފްކަމަށް. ދެން ނެދަލޭންޑްސް މީހާ ހާޓްއެޓޭކެއް ޖެހިގެން އޭނާގެ އެންޖިއޯޕްލާސްޓީއެއް މިކޮޅުން ހެދީ. ދެން ސްރީލަންކާގެ ދެބޭފުޅަކަށްވެސް ރިސޯޓްގައި ހުއްޓާ ހާޓް އެޓޭކްޖެހިގެން ވަގުތުން މިކޮޅަށް ގެނެސް އެމަޖެންސީކޮށް އެންޖިއޯޕްލާސްޓީ ހެދީ. އެހެންވީމައި ހަމައެކަނި ދިވެހިންނަކަށް ނޫން މިތާ ފަރުވާދެނީކީ، ބޭރުގެ މީހުންނަށްވެސް އެބަދެން. އެއީވެސް މިސެންޓަރާ ދޭތެރޭ އިތުބާރު ހިފޭނޭ ކަމެއްކަމަށް އަޅުގަނޑު ދެކެން." ޑރ.އަލީ ޝަފީޤް ވިދާޅުވިއެވެ.
ކާޑިއެކް ސެންޓަރުގެ ޚިދްމަތާމެދު ޢާއްމުންގެ އިތުބާރު ބޮޑުވަމުންދާކަން އެސެންޓަރުން ޚިދްމަތް ހޯދާ ފަރާތްތަކާއި ވާހަކަ ދައްކާލުމުން އެގިގެންދިޔައެވެ. ޕީ.އެސް.އެމް ނިއުސްޓީމުން ވާހަކަދެއްކި ހުރިހައި ބަލި މީހުންވެސް ބުނީ، ޚިދްމަތާމެދު ހިތް ހަމަޖެހޭ ކަމަށާއި، ރާއްޖޭގައި މިޚިދްމަތް ޤާއިމް ކުރެވިގެން ދިއުމަކީ ހުރިހައި ގޮތަކުންވެސް ވަރަށް ފައިދާ ހުރިކަމެއް ކަމަށެވެ.
"މީގެ ސަބަބުން ޤައުމުން ބޭރުވެގެންދާ ޑޮލަރުތައް ހަރުލާނެ،އަދި ޤައުމުގައި ތިބި ނިކަމެތި ޚަރަދު ކުރުމަށް ނުކުޅެދޭ،ތަންކޮޅެއް ފަޤީރު ދަރަޖައިގެ މީހުންނަށްވެސް ފުރިހަމަ ޞިއްޙަތެއް ލިބިގަތުމަށްޓަކައި ފުރުޞަތު ލިބިގެންދާނެ. އެހެންވީމާ މިތަނަކީ، ވަރަށް މުހިންމު އަޅުގަނޑަށް ދެންނެވިދާނެ މިއީ ފަހަކަށް އައިސް ދިވެހި ރާއްޖޭގައި ޞިއްޙީ ދާއިރާއިން އެޅުއްވި އެންމެ ހަރުދަނާ ،ރަނގަޅު ،ފައިދާހުރި ފިޔަވަޅުގެ ތެރެއިން އެއްވަނައިގެ ފިޔަވަޅެކޭ މިއީ." ހިތުގެ ފަރުވާ ހޯދި މީހަކު ބުންޏެވެ.
ސަރުކާރުން ކާޑިއެކް ސެންޓަރު ގާއިމްކުރައްވާ އެތަނުގެ ޚިދްމަތް ދެއްވަވަން ފަށްޓަވާފައިވަނީ ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުން ކުރައްވާ ޚަރަދު ކުޑަކުރައްވާ ރާއްޖޭގައި ތިބެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށެވެ.
އިންޑިއާގެ މެޑިޓްރީނާގެ ފަންނީ އެހީތެރިކަމާއެކު، ނެޝަނަލް ކާޑިއެކް ސެންޓަރ ޤާއިމް ކުރައްވާ ރަސްމީކޮށް ޚިދްމަތް ދެއްވަން ފެއްޓެވީ މިދިޔަ އަހަރުގެ ޖޫންމަހުގެ ފަސްވަނަދުވަހުއެވެ. އަދި އޭގެ މަހެއްހާ ދުވަސްފަހުން ހިތުގެ ޚާއްޞަ އޮޕަރޭޝަންތައް އެތަނުންވަނީ ކުރައްވަން ފައްޓަވާފައެވެ.