ތަރައްްޤީ

ވީއައިއޭގެ އައު ރަންވޭ ހެދުމުގެ މަސައްކަތް މިމަހު 27ގައި ފަށަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ހިންގާ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މާޗުމަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހެދުމުގެ ޢަމަލީ މަސައްކަތް އަންނަ ހޯމަދުވަހު ފެށުމަށް ވަނީ ހަމަޖެހިފައިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ 2 ފިޔަވައްސަކަށް ބަހާލައިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތަކީ، 3400 މީޓަރު ދިގު، އަދި 65 މީޓަރު ފުޅާ އާ ރަންވޭއެއް އެއަރޕޯޓްގައި ހެދުމުގެ މަސައްކަތެވެ. އެކަމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް މިހާރު ދަނީ ބާރު ދުވެއްޔެގައި ކުރަމުންނެވެ. އެއަރޕޯޓްގައި މިހާރު ބޭނުންކުރާ ބިމަށް މި މަޝްރޫޢުގެ ދަށުން %30 ޖާގަ އިތުރުކުރާނެއެވެ. އެއީ 63 ހެކްޓަރުގެ ބިމެކެވެ. މި މަސައްކަތްކުރަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ "ގަލްފް ކޮބްލާ" އާ ޙަވާލުކޮށްގެންނެވެ.

ބިންހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައިއެވެ. އަދި އަންނަ ހޯމަދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އެޅުމުގެ މަސައްކަތް ފެށުމަށް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ދަނީ ތައްޔާރުވަމުންނެވެ. އެއަރޕޯޓްގެ އާ ރަންވޭގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާއިރު މި މަސައްކަތް އަންނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ނިންމުމަކީ އަމާޒެއްކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ފަށްޓާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. އަލަށް ހެދުމަށް ހަމަޖެހިފައިވާ ރަންވޭއަކީ ވައިގެ އުނދުހުންތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އެންމެ ބޮޑެތި އެއަރކްރާފްޓްތަކަށްވެސް ފަސޭހަކަމާއެކު ޖެއްސޭނޭހެން ފަރުމާކުރާ ރަންވޭއެކެވެ. އައު ރަންވޭ ހެދުމުން، މިހާރު ބޭނުންކުރާ ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ރާންވޭގެ އިތުރުން، ކާގޯ ކޮމްޕްލެކްސްއަކާއި، ފިއުލްފާރމެއް ތަރައްޤީކުރުމަކީވެސް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތެކެވެ. ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރައްވައިގެން ސަރުކާރުން ކުރިއަށް ގެންދަވާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހިންގަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާ ޙަވާލުކޮށްގެންނެވެ.