ޚަބަރު

ފަރީދަށް އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި


2010 ވަނައަހަރު ހިންގި މާރާމާރީއެއްގައި ޏ. ފުވައްމުލަކު، އާސްމާނުގޭ ޢަބްދުﷲ ޝުހާދު މަރާލި މައްސަލައިގައި، އެރަށު ކަރަންކާއާގޭ، ޙަސަން ފަރީދު މެރުމަށް ކުރިމިނަލް ކޯޓުން 2015 ވަނައަހަރު ކުރި ޙުކުމަށް ހައިކޯޓުން މިއަދު ތާޢީދުކޮށްފިއެވެ. 

ޙަސަން ފަރީދުގެ ފަރާތުން މިމައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރުމުން، މިމައްސަލަ ނިންމުމަށް މިއަދު ހައިކޯޓްގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޙުކުމް އިއްވަވަމުން ޤާޟީ ވިދާޅުވީ، ކްރިމިނަލް ކޯޓުން ޙަސަން ފަރީދު މެރުމަށް ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީގޮތުން ޞައްޙަ ހުކުމެއްކަމަށާއި، އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާޤްވެވޭކަމަށް. އެހެންކަމުން ޢަބްދުﷲ ޝުހާދު މަރާލިކަން ޙަސަން ފަރީދުގެ މައްޗަށް ސާބިތުވެފައިވާތީ އެކަމުގެ ޢުޤޫބާތެއްގެ ގޮތުން އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުންވަނީ ތާއީދުކޮށްފަ.

ހައިކޯޓުގެ ޙުކުމުގައި ވަނީ، 2010 ވަނައަހަރުގެ ތެރޭގައި ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި ޙަސަން ފަރީދު، ޢަބްދުﷲ ޝުހާދަށް ޙަމަލާދިންކަން ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަހުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށާއި، އޭނާގެ މަޤްޞަދަކީ ޢަބްދުﷲ ޝުހާދު މަރާލުންކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވެފައިވާކަމަށް. އަދި، މިމައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިން ޤިޞާޞް ހިފަން ބޭނުންވަކަމަށް، ޢަބްދުﷲ ޝުހާދުގެ ވާރިސުންކަމުގައިވާ އޭނާގެ މަންމައާއި ބައްޕަ ބުނެފައިވާކަން އެދެމަފިރިންގެ ބަޔާނުން އެނގޭތީ އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ ގަސްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވެފައިވާކަމަށާއި، މިކަމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ޢަދަބަކީ މަރަށް މަރުހިފުންކަމަށް ހައިކޯޓްގެ ޙުކުމްގައިވޭ.

މަރުގެ ޙުކުމް ތަންފީޛްކުރުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ގަސްދުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވެ މީހަކު މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ އެޙުކުމެއް ތަންފީޛްކުރެވޭނީ، އިސްތިއުނާފްގެ އެންމެ ފަހު މަރުޙަލާ ކަމުގައިވާ ސުޕްރީމްކޯޓުން އެ ނިންމުން ޞައްޙަކަމަށް ކަނޑައެޅުމުން. ވީމާ ޙަސަން ފަރީދުގެ މައްޗަށް އިއްވާފައިވާ މަރުގެ ޙުކުމާގުޅޭ އެންމެ ފަހު ނިންމުން ނިންމާނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން.