ޚަބަރު

ޝަރީޢަތުގެ މަޖިލީހުގެ ތަސްވީރު ކުރެހި މީހަކު ޖޫރިމަނާކޮށްފި


ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސް ކުރިއަށްދިޔަ ވަގުތު ފަނޑިޔާރުންގެ ސޫރަ ސިފަވާގޮތަށް ޝަރީޢަތުގެ މަޖިލީހުގެ ތަސްވީރު ކުރެހި މީހަކު ޖޫރިމަނާކޮށްފިއެވެ.

މިއަދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓް، ސުޕްރީމް ކޯޓްގައި ކުރިއަށްދިޔަ ދުސްތޫރީ މައްސަލައެއްގެ ޝަރީޢަތުގެ މަޖިލީހަށް ޢާންމުންގެ ތެރެއިން ވަތްމީހަކު ޝަރީޢަތުގެ މަޖިލީހުގެ ތެރޭގައި އިނދެ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ހިމެނޭގޮތަށް ޝަރީޢަތުގެ މަޖިލީހުގެ ތަސްވީރެއް ކުރަހާފައިވާ މައްސަލައިގައި ޖޫރިމަނާ ކޮށްފައިވަނީ 2500 ރުފިޔާއިންނެވެ. ކޯޓް ތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ކޯޓްގައި ކުރިއަށްދާ ޝަރީޢަތުގެ މަޖިލީހެއްގެ ޙުރުމަތްކެނޑޭގޮތަށް އެއްވެސް ޢަމަލެއް ކޮށްފިނަމަ ވަގުތުން އަދަބު ކަނޑައެޅުވުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

ކޯޓްތަކުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާއިދުގެ ދަށުން ޝަރީޢަތުގެ ނިޒާމާ ޚިލާފުކަމެއް ކުރުމަކީ ކޯޓްގެ ޙުރުމަތް ކެނޑޭ ޢަމަލެއްކަމަށް ބަޔާންކޮށްފައިވެއެވެ.