ޚަބަރު

އިންޑިޔާ އާއި ޕާކިސްތާނުގެ މަސްރަހު ފިނިކުރުމުގައި މުހިއްމު ދައުރެއް އަދާކުރިކަމަށް ޗައިނާއިން ބުނެފި


ހުސްވި ފެބްރުއަރީ މަހު އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި އިންޑިޔާގެ ސިފައިންނަށް އަމާޒުކޮށްގެން ދިން ވަރުގަދަ ހަމަލާއަށް ފަހު ޕާކިސްތާނާއި އިންޑިޔާއާ ދެމެދު އުފެދިގެން ދިޔަ ނުތަނަވަސްކަން ނައްތާލުމުގައި ޗައިނާއިން ބިނާކުރަނިވި ދައުރެއް އަދާކުރިކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ ސާދަ ވަނަ ދުވަހު ކަޝްމީރުގައި ދިން މި ހަމަލާގައި އިންޑިޔާ ސިފައިންގެ ސާޅީހަށް ވުރެ ގިނަ މީހުން މަރުވިއިރު މި ޙާދިސާއަށް ފަހު އިންޑިޔާއިން ވަނީ ޕާކިސްތާނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. ރައްދުގައި ޕާކިސްތާނުންވެސް އިންޑިޔާގެ ސަރަހައްދުތަކަށް ހަމަލާދީފައިވެއެވެ.

ރޮއިޓަރސްއަށް ދެއްވި ބަޔާނެއްގައި ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ސުލްޙަ ޤާއިމުވެފައި އޮތުމަކީ ހުރިހާ ފަރާތެއްގެ މަސްލަހަތު އެކަމުގައި އޮތްކަމެއް ކަމަށެވެ. އަދި ދެ ޤައުމާވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްގެ ހައިސިއްޔަތު ޗައިނާއިން ވަނީ އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ސުލްޙަ ޤާއިމުކުރުމަށް ބާރު އަޅާ، ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމަށް ބިނާކުރަނިވި ދައުރެއް އަދާކޮށްފައިކަމަށްވެސް ޗައިނާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި ޗައިނާއިން އިތުރަށް ބުނެފައިވަނީ އެންމެ ފަހުގެ މައްސަލަތައް ހައްލުކުރުމަށް އެހެން ޤައުމުތަކުން ވެސް އުފެއްދުންތެރި މަސައްކަތްތައް ކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ދެމެދު ސުލްހައިގެ ވާހަކަތައް ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤުވާމީ ދުނިޔެއިން އަޅާ ފިޔަވަޅުތަކަށް ޗައިނާއިން އެއްބާރުލުން ދެމުން ގެންދާނެ ކަމަށްވެސް ޗައިނާގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.