ކުޅިވަރު

އަނިޔާއިން ރަނގަޅުވެ ކާންޓޭ ޗެލްސީގެ ފަރިތަކުރުންތަކަށް ނިކުމެއްޖެ


ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ކުރިއަށް އޮއްވާ ޗެލްސީގެ މިޑްފިލްޑަރ އެންގޯލޯ ކާންޓޭ ފަރިތަކުރުންތަކަށް ނިކުމެއްޖެއެވެ.

ސީޒަންގެ ފަހުކޮޅު މުހިންމު މެޗުތަކެއް އަނިޔާގެ ސަބަބުން ގެއްލުނު ކާންޓޭ އެނބުރި ފަރިތަކުރުންތަކަށް މި ނިކުތީ ފޯމުގައި ހުރި ލޮފްޓަސް ޗީކަށް އަނިޔާވެ ކޯޗު އެކަމާއި ކަންބޮޑުވެފައިވަނިކޮށެވެ. މިޑްފީލްޑް ލައިނުގައި ބުރަކޮށް މަސައްކަތްކުރާ އެންގޯލޯ ކާންޓޭ މުޅިން ފިޓުވެފައިވާއިރު، އޭނާއަށް ފައިނަލް މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދޭނެކަމަށް ބެލެވެއެވެ.

ޔޫރޮޕާ ލީގުގެ ފައިނަލްގައި ޗެލްސީ ނިކުންނާނީ އާސެނަލްއާއި ދެކޮޅަށެވެ. މިހާތަނަށް ޔޫރޮޕާ ލީގުގައި ޗެލްސީ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލް މެޗަށް އާސެނަލް ނިކުންނައިރު އެޓީމާއިއެކު ހެންރިކް މިކިތާރްޔަން ބައިވެރިނުވާނެއެވެ. މިކިތާރިޔާން ފައިނަލް މެޗުގައި ނުކުޅެން ނިންމީ އޭނާގެ ޤައުމު އާމީނިއާއާއި ފައިނަލް މެޗު ކުޅޭ އަޒަރުބައިޖާނާއި ދެމެދު އޮންނަ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

އާސެނަލްގެ ކޯޗު އުނާއީ އެމްރީ ބުނީ މިކިތާރްޔާން ނެތުމަކީ ޓީމަށް ލިބޭނެ ގެއްލުމެއްކަމަށާއި، މިކިތާރްޔަންއަށްޓަކައިވެސް މުބާރާތް ކާމިޔާބުކުރަން ބޭނުންވާކަމަށެވެ.