ވިޔަފާރި

ކުރިއަށްއޮތް ދެ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް މަޑުޖެހުމެއް


މިހިނގާ އަހަރާއި ކުރިއަށްއޮތް ދެ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހެނޭކަމަށް ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހޭނެކަމަށް ވޯލްޑް ބެންކުން ލަފާކޮށްފައިވަނީ، ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ އިޤްތިޞާދީ ޙާލަތާއި ގުޅޭގޮތުން ނެރެފައިވާ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް ރިޕޯޓުގައެވެ.

މިރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދު ވަނީ 7.9 އިންސައްތަ ކުރިއަރާފައެވެ. އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާޢަތާއި ޢިމާރާތްކުރުމުގެ ސިނާޢަތަށް ލިބުނު ކުރިއެރުމެވެ.

ވޯލްޑް ބެންކުން ލަފާކުރާ ގޮތުގައި މިއަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރާނީ 5.7 އިންސައްތައަށެވެ. މިއީ މިއަހަރު ޖެނުއަރީމަހު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރި 6.3 އިންސައްތައަށްވުރެ 0.6 އިންސައްތަ ދަށް އަދަދެކެވެ.

މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 5.7 އިންސައްތައިގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު އިޤްތިޞާދީ ދުވެލި ހުންނަނީ 5.2 އިންސައްތައިގައެވެ. އަދި 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނަނީ 5.3 އިންސައްތައިގައިކަމަށްވެސް ވޯލްޑް ބެންކުން ލަފާކުރެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި 5.7 އިންސައްތައާއި 5.3 އިންސައްތައާ ދެމެދު މި ތިން އަހަރު ހުންނާނެކަމަށް ލަފާކުރިއިރު، މިދިޔަ 3 އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރީ 7.3 އިންސައްތައާއި 7.9 އިންސައްތައާ ދެމެދުއެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުން މިއަހަރު އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނެކަމަށް ވޯލްޑް ބެންކުން ލަފާކުރަނީ އިންޑިއާއާއި ބަންގްލަދޭޝްގެ އިޤްތިޞާދެވެ. އެގޮތުން އިންޑިއާގެ އިޤްތިޞާދު 7.5 އިންސައްތަ ކުރިއަރާނެކަމަށް ލަފާކުރާއިރު، ބަންގްލަދޭޝްގެ އިޤްތިޞާދު 7.4 އިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބެންކުން ލަފާކުރެއެވެ.

މިސަރަޙައްދުގެ އެހެން ޤައުމުތަކުގެ އިޤްތިޞާދުތަކަށް ބަލާލާއިރު، ނޭޕާލްގެ އިޤްތިޞާދު 6.4 އިންސައްތަ، ބޫޓާންގެ އިޤްތިޞާދު 5.4 އިންސައްތަ، ސްރީލަންކާގެ އިޤްތިޞާދު 3.5 އިންސައްތަ، ޕާކިސްތާންގެ އިޤްތިޞާދު 2.7 އިންސައްތަ އަދި އަފްޣާނިސްނުގެ އިޤްތިޞާދު 2.4 އިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބެންކުން ލަފާކުރެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގެ އިޤްތިޞާދީ ދުވެލި މަޑުޖެހުނު ނަމަވެސް، ދެކުނު އޭޝިޔާ ސަރަޙައްދުގެ ޢިޤްތިޞާދީ ކުރިއެރުން އެހެން ސަރަޙައްދުތަކަށްވުރެ ރަނގަޅެވެ.