ދެވަނަ ލެގުގައި ފޯކައިދޫ ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ދެވަނަ ލެގު ޓީސީން ކާމިޔާބުކުރީ ތިނެއް އެކަކުންނެވެ. ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ޓީސީ ޝީލްޑް އުފުލާލީ ހަތަރެއް އެކެއްގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ފޯކައިދޫން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ ފުރަތަމަ ގޯލް ޖެހީ ޓިސީންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް އައިސަމްއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ފޯކައިދޫއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއްވަނީ ލިބިފައެވެ. އަކްރަމްގެ އަތުގައި ބޯޅަ ޖެހިގެން ރެފްރީވަނީ އެޓީމަށް ޕެނަލްޓީ އެއްދީފައިއެވެ. ފޯވާޑް އަންސަރު ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
ފޯކައިދޫން ނަތީޖާ ހަމަހަމަކުރީ ލިބުނު ހިލޭ ޖެހުމަކުން އަލީ ޝާމިއު ޖަހައިދިން ގޯލުންނެވެ.
އެހެންނަމަވެސް ޓީސީގެ ފޯވާޑް ބިމަލްވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހައި ޓީސީ މެޗުން މޮޅުކޮށްދީފައެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު މިއަހަރު ކުޅުނީ ދެ ލެގަށެވެ.
ފުރަތަމަ ލެގު ފޯކައިދޫގައި ކުޅުނުއިރު އެމެޗު ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ.